އެމްއެންޑީއެފް

ހޯރަފުށި ކައިރިން ކިނބުލެއް ހިފައިފި

ހއ. ހޯރަފުށި ކައިރިން ކިނބުލެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ހއ. ހޯރަފުއްޓާ އެއްފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މި ކިނބުލުގެ ދިގުމިނުގައި ހުރީ ގާތްގަނޑަކަށް 6 ފޫޓު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެ އިދާރާއިން ކޮށްފައިވާ ޓުވީޓުން ފެންނަނީ ކިބޫ ހިފައި އޭގެ އަތްފައި ބަނދެ، ލޯ ނިވާކޮށް ލޯންޗެއްގެ ތެރޭގައި ބާއްވާފައި އޮތް މަންޒަރެވެ.

މި މަހުގެ 12 ވަނަ ދުވަހު ވަނީ ކ. ބޮލިދުއްފަރު ކައިރިން 14 ފޫޓުގެ ކިނބުލެއް ވެސް ފެނިފައިވެ އެވެ. އަދި އެމްއެންޑީއެފުން ވަނީ އެ ކިނބޫ ހިފައި އެ ރަށުގެ 24 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލާފަ އެވެ.