އަހުމަދު ޝިޔާމް

ސަލާމަތާ ގުޅުންހުރި ކަންތައްތަކެއްގައި ޝިޔާމުގެ ބޮޑެތި ތުހުމަތުތަކެއް

ހދ. ހަނިމާދޫގައި ތިބި ދިވެހި ސިފައިން އެ ރަށުން ބާލައި ހއ. ހޯރަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެ ސަލާމަތާ ގުޅުންހުރި ކަންތައްތަކެއް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމުން ރޭ ކުރިއަށް ގެންދިޔަ މަގުމަތީ ހަރަކާތުގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ ހަނިމާދޫގައި ތިބި ދިވެހި ސިފައިން ހޯރަފުށްޓަށް ބަދަލުކުރުމަށް އެރަށުން ބިންވެސް ހަމަޖައްސާފައިވާ ކަމަށެވެ.

"މާދަމާ ހަނިމާދޫ އިން ދިވެހި ސިފައިން އެބަ ބާލާ. ބާލާފައި ހއ. ހޯރަފުށިން ބިން ކަނޑައިފި މިހާރު،" ޝިޔާމު ރޭ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަވަސް އަށް ވިދާޅުވީ އެފަދަ މައުލޫމާތެއް އޭނާ ލިބިފައި ނުވާ ކަމަށެވެ.

ހއ. ހޯރަފުށީ ކައުންސިލްގެ މެންބަރަކު އަވަސް އަށް ވިދާޅުވީ ހަނިމާދޫގައި ތިބި ސިފައިން ހޯރަފުށްޓަށް ބަދަލުކުރާކަން ކައުންސިލަށް އެނގިފައި ނެތް ކަމަށެވެ.

ޕީޕީއެމުން ރޭ ކުރިއަށް ގެންދިޔަ މަގުމަތީ ހަރަކާތުގައި ޝިޔާމު ވިދާޅުވީ ޅ. މާފިލާފުށީގައި ތިބި ދިވެހި ސިފައިން މިހާރުވެސް އެވަނީ ބާލާފައި ކަމަށާއި އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބުމުން އެތަނަށް ދިވެހި ސިފައިންނަށް ނުދެވޭ ކަމަށެވެ. އަދި ގިރިފުށީގައި ދިވެހި ސިފައިން ކުރަންޖެހޭ ކަމަކީ އިންޑިއާ މީހުންނަށް މޫދު ކުޅިވަރު ދަސްކޮށްދިނުން ކަމަށްވެސް ވިދާޅުވި އެވެ.

"ގިރިފުށީގައި މިހާރު ދިވެހި ސިފައިންނަށް ކޮށްދޭންޖެހޭ ކަމަކީ ވީކެންޑްގައި، ބުރާސްފަތި ދުވަހު އިންޑިއާ ސިފައިންގެ އާއިލާތަކުގެ މީހުންނަށް ޖެޓްސްކީ ދުއްވަން ދަސްކޮށްދިނުމާއި ޕެރަސެއިލްކޮށްދޭން ދަސްކޮށްދިނުމާއި ވޯޓާސްޕޯޓްސް ދަސްކޮށްދިނުން،" ޝިޔާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހިންގާ ތަފާތު މަޝްރޫއުތަކުގައި އެކިއެކި ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ހަރަކާތްތެރިވަނީ އިންޑިއާ އަސްކަރީ ސިފައިން ކަމަށެވެ.

"ކަޅުތުއްކަލާ ކޮށީގެ ކުރިމަތީގައި އެއޮތް ބޮޑު ކޮށީގައި އެ ހަދަނީ ސީދާ މިލިޓަރީ ޑްރިލް،" ތިލަމާލެ ބްރިޖު މަޝްރޫއަށް އެފްކޮންސް ކުންފުންޏަށް ދޫކޮށްފައިވާ ސަރަހައްދަށް އިޝާރާތް ކުރައްވާ ޝިޔާމު ވިދާޅުވި އެވެ.

އެފްކޮންސް އިން ކޮންމެ ދުވަހަކު ހެނދުނު އެ ތަނުގައި މިލިޓަރީ ޑްރިލް ހަދަމުންދާކަން ދިވެހި ސިފައިންނަށް އެނގޭ ކަމަށްވެސް ޝިޔާމު ވިދާޅުވި އެވެ.

"ބަންޑޭރި ކޮއްޓަށް ވަންނާކަށް މިއަދު އިންޑިއާ ސިފައިންގެ މީހަކު ހުއްދައަށް އެދޭކަށްވެސް ނުޖެހޭ. ހުއްދަ ހޯދާކަށްވެސް ނުޖެހޭ. ސީދާ ވަދެގެންދާ ގޮތަށް މިނިސްޓަރު ރޫމްކޮޅަށް،" ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ ދިވެހި ގައުމާއި ދިވެހިންނަށް ހިދުމަތްކުރުމުގެ ބަދަލުގައި ސިފައިންގެ މިއަދުގެ ވަޒީފާއަކީ އިންޑިއާ މީހުންނަށް ދިވެހި ބަސް ކިޔަވައިދިނުން ކަމަށެވެ.