ލައިފްސްޓައިލް

ތުރުކީ މަތީ އުފެދުނު "ޔޫފޯ" ވިލާގަނޑަކީ ކޯއްޗެއް؟

ތުރުކީގެ ބުރުސާ މަތިން މިދިޔަ ބުރާސްފަތި ދުވަހު އާދަޔާހިލާފު ވިލާގަނޑެއް އުފެދި ދަތުރުކޮށް ގޮސްފައިވެ އެވެ. މި ވިލާގަނޑު އުފެދިފައިވާ ގޮތުން ހީވަނީ ޔޫފޯ (އަންއައިޑެންޓިފައިޑް ފްލައިން އޮބްޖެޓް) އެއް ހެންނެވެ. އަދި މި ވިލާގަނޑު ފެނިގެން ބައެއް މީހުން ބިރުން ގޮސް ހަލާކުވީއިރު އަނެއް ބަޔަކު އަޖައިބު ކަމަކަށް ވެގެން މި ވާހަކަ އިންޓަނެޓުގައި ޝެއާ ކޮށްފައިވެ އެވެ.

އިނގިރޭސި ވިލާތުގެ "ގާޑިއަން" ނޫހުގައި ލިޔެފައިވާ ގޮތުގައި މިކަހަލަ ވިލާ ފޯމޭޝަނަށް ކިޔަނީ ލެންޓިކިއުލާ ކްލައުޑް ކަމަށެވެ. މިފަދަ ވިލާގަނޑު އެކަތިގަނޑެއްގެ ގޮތުގައި ގަޑިއެއްހާއިރު ހުރެފައި ރޫޅިގެން ގޮސް ގެއްލޭ ކަމަށް ވެއެވެ.

މި ވިލާގަނޑު އުފެދުނު ދުވަހަކީ ބުރުސާގެ އުޑުމަތި ވަރަށް ސާފު ދުވަހަކަށް ވާތީ ގިނަ ބަޔަކަށް މި ވިލާގަނޑު ފެނި ފޮޓޯއާއި ވީޑިއޯ ނަގާފައި ވެއެވެ.

މި މަންޒަރުތަކުން ފެންނަނީ އިރު އަރައިގެން އައި ވަގުތު އުޑުމަތީގައި އުފެދިފައި މި ވިލާތައް އުފެދިފައި ހުއްޓަ އެވެ. ވިލާގަނޑުގެ މެދުގައި ވަށްކޮށް ހުރި ހުސް ތަނެއް ހުރުމުން ޔޫފޯއެއް ގޮތަށް ސިފަ ކުރެވެނީ އެވެ.

ލެންޓިކިއުލާ ކްލައުޑްސް އާއްމުކޮށް އުފެދެނީ 2000 މީޓަރާއި 5000 މީޓަރާ ދެމެދުގެ އުސްމިނުގަ އެވެ.

މި ވިލާގަނޑުގެ ފޮޓޯތައް ވައިރަލްވެ ގިނަ ބަޔަކު މިއީ ޔޫފޯއެއް ކަމަށް ވާހަކަ ދައްކަން ފެށުމުން ތުރުކީގެ ސްޓޭޓް މީޓިރޮލޮޖިކަލް ސާވިސް އިން ވަނީ މި ވިލާގަނޑުގެ މައުލޫމާތު ދީފަ އެވެ. އެ ފަރާތުން ވެސް ބުނެފައިވަނީ މިއީ ލެންޓިކިއުލާ ކްލައުޑްސް ކަމަށާއި ޔޫފޯއެއް ނޫން ކަމަށެވެ.