ލައިފްސްޓައިލް

ތުރުކީގެ މިރަކްލް ބޭބީ"އަށް މަންމައާ ބައްދަލުވެއްޖެ

ތުރުކީއަށް މިދިޔަ ފެބްރުއަރީ މަހު އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ބިމާ ހަމަވި އުސް އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގެ ދަށުގައި ވަޅުލެވިފައި އޮތް ދެ މަހުގެ ތުއްތު ކުއްޖެއް އެތާ އޮންނަތާ 128 ގަޑިއިރު ފަހުން ސަލާމަތްވީ "މުއުޖިޒާތެއް"ފަދަ ގޮތުގެ ވާހަކަ އަހާފައި ވަރަށް ގިނަ މީހުންނަށް އުފާވެރިކަން ލިބުނެވެ. އަދި މާތްﷲ އެ ކުއްޖާއަށް ރައްކާތެރިކަން ދެއްވައި ސަލާމަތް ކުރެއްވި ގޮތަކީ ވަރަށް ގިނަ މީހުން އޭގެން ރަނގަޅު އިބުރަތެއް ހާސިލުކުރި ހާދިސާއެއް ވެސް މެއެވެ.

ކުރިން ގަބޫލުކުރެވިފައި ވަނީ މި ބިންހެލުމުގައި ކުއްޖާ ސަލާމަތްވި ނަމަވެސް އެ ކުއްޖާގެ މަންމަ މަރުވެފައިވާ ކަމަށެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކުއްޖާގެ މަންމަ މަރެއް ނުވެ އެވެ. އޭނާގެ ފުރާނަވެސް ވަނީ ސަލާމަތް ވެފަ އެވެ. އަދި ބިރުވެރި ހުވަފެނެއް ފަދަ 56 ދުވަހުގެ ވަކި ވުމަކަށްފަހު ދެ މައިން މިހާރު ވަނީ ބައްދަލުވެފަ އެވެ.

މި އުފާވެރި ވާހަކަ އާއި ފޮޓޯތައް އޮންލައިންގައި ޕޯސްޓްކުރީ ޔޫކްރޭންގެ އިންޓާނަލް އެފެއާޒް މިނިސްޓަރު އެންޓަން ގަރެޝްޗެންކޯ އެވެ.

"ތި ބޭފުޅުން ހަނދާން ހުންނާނެ ކަންނޭގެ މި ފޮޓޯގައި މިވާ ކުއްޖާ. މިއީ ތުރުކީގެ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން އެ ހާދިސާއަށް 128 ގަޑިއިރު ފަހުން ސަލާމަތް ކުރި ދެ މަހުގެ ކުއްޖެއް. އޭރު ބެލެވިފައި ވަނީ މި ކުއްޖާގެ މަންމަ ވަނީ މަރުވެފައި ކަމަށް. ނަމަވެސް ކުއްޖާގެ މަންމަ މަރެއް ނުވޭ. މަންމަ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައި. އެހެން ހޮސްޕިޓަލެއްގައި އޮއްވާ ކުއްޖާގެ މަންމަ ފެނިފައި ވަނީ. އަދި ޑީއެންއޭ މެޗުވުމުން ކުއްޖާ މިހާރު ވަނީ މަންމައާ ހަވާލުކޮށްފައި،" އެންޓަންގެ ޓުވީޓުގައި ލިޔުއްވާފައި ވެއެވެ.

ތުރުކީގެ ނިއުސް ވެބްސައިޓަކުން ބުނެފައިވާ ގޮތުގައި ތުއްތު ކުއްޖާއަށް ފަރުވާ ދީފައިވަނީ އެހެން ހޮސްޕިޓަލެއްގަ އެވެ. އަދި ކުއްޖާގެ މަންމަ އަށް ފަރުވާ ދިނީ އެހެން ހޮސްޕިޓަލެއްގަ އެވެ. މި އަންހެން މީހާ އަކީ ކުޑަ ކުއްޖާގެ މަންމަކަން ޔަގީންކުރީ ޑީއެންއޭ ހަދައިގެންނެވެ.

މި ޚަބަރު ކިޔާފައި އިންޓަނެޓުގައި ގިނަ ބަޔަކު އުފާ ފާޅުކޮށްފައި ވެއެވެ.

ތުރުކީގެ ފެމެލީ އެންޑް ސޯޝަލް އެފެއާޒް މިނިސްޓަރު ދެރިޔާ ޔާނިކް ވަނީ މި ބިރުވެރި ހާދިސާއަށްފަހު ދެ މައިން ފުރަތަމަ ފަހަރަށް ބައްދަލުވާ މަންޒަރުގެ ވީޑީއޯއެއް އެކަމަނާގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ޓުވީޓް ކުރައްވާފަ އެވެ.

"މަންމަ ހޯދަން ތުއްތު ވެޓިން ބެގްޑަޝް ކުރި ދިގު އިންތިޒާރަށް 54 ދުވަސް ފަހުން ނިމުން އަތުވެއްޖެ. މިއީ ވެއްޓިފައިވާ އިމާރާތެއްގެ ދަށުން 128 ގަޑީއިރުފަހުން ސަލާމަތްކުރި ތުއްތު ކުއްޖާ. މި ކުއްޖާއަށް ފަރުވާދީ އޭނާ ބެލެހެއްޓި ނަރުހުން އޭނާއަށް ދިން ނަމަކީ 'ގިޒެމް ބެބެކް' (މިސްޓްރީ ބޭބީ). ވެޓިން އަކީ މިހާރު އަހަރެމެން އެންމެންގެ ބޭބީއެއް. އަހަރެމެންގެ މިނިސްޓްރީން އަބަދުވެސް ކުޑަ ކުޑަ ބޭބީ އަށް ސަޕޯޓް ދޭނަން،" މިނިސްޓަރުގެ ޓުވީޓްގައި ލިޔުއްވާފައި ވެއެވެ.

ތުރުކީ އާއި ސީރިޔާ އަށް އައި ވަރުގަދަ ބިންހެލުމުގައި ތުރުކީގެ 11 ޕްރޮވިންސަކުން 50،000 އަށް ވުރެ ގިނަ މީޙުން މަރުވި އެވެ. އަދި ސީރިޔާ އިން 7،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.