ލައިފްސްޓައިލް

ތުރުކީގެ ބިންހެލުމުގައި އާއިލާއެއް ސަލާމަތްވާން މެދުވެރިވީ ގުރައެއް

ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގެ އެޕާޓްމަންޓެއްގައި ދިރިއުޅުނު އާއިލާއެއްގެ ހުރިހާ މެމްބަރުންގެ ފުރާނަ ސަލާމަތްވުމަށް މެދުވެރިއަކަށް ވެފައިވަނީ ޕަރަކީތު ކިޔާ ވައްތަރުގެ ގުރައެކެވެ.

ވަރަށް ރީތިކޮށް ލަވަ ކިޔާ މި ގުރައަކީ އެ އާއިލާއިން ވަރަށް ލޯބިން އޮޅުކޮށްގެން ގެންގުޅޭ ގުރައެކެވެ.

މި ގުރައަށް އެމީހުން ދީފައިވަނީ މާވިސް އެވެ. އެ ގެއަށް މާވިސް ގެނެސްފައިވަނީ ބިންހެލުމުގެ ހާދިސާ ހިނގުމުގެ ތިން މަސް ކުރިންނެވެ.

ޕަޒާޖިކްގައި ދިރިއުޅޭ ސިމާން އާއި އޭނާގެ އާއިލާގެ ހިތްއުފާ ކޮށްދޭ އެއްޗަކަށް މި ގުރާ ވެފައި ވެއެވެ.

ޕަރަކީތު ކިޔާ ވައްތަރުގެ ގުރައަކީ އާއްމުކޮށް ވަރަށް ލަވަ ކިޔާ ގުރައެކެވެ. ނަމަވެސް މާވިސް ލަވަ ކިޔަނީ ވަރަށް މަދުންނެވެ. އެހެން ގުރާތަކަށް ވުރެ މާމަޑުމަޑުން މި ސޮރު އިންނަކަންވެސް އެ އާއިލާއަށް ފާހަގަކުރެވިފައި ވެއެވެ.

މިގޭގައި ދިރިއުޅެނީ ސިމާން އާއި އާއިލާ އެވެ. ފެބްރުއަރީ ހަވަނަ ދުވަހުގެ ފަތިހު ބިންހެލުން އައުމުގެ ބައިގަޑިއެއްހާއިރު ކުރިއްސުރެ ގުރާ ފިޔަގަނޑު ތަޅަތަޅާފައި ޒާތެއްގެ އަޑުތަކެއް ވަރަށް ބާރަށް ގޮއްވައި ތެޅި ފޮޅުނެވެ. އެހެންކަމުން 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އެ ސަރަހައްދަށް ބިން ހެލުން އައިއިރު އެ ގޭ އެންމެން އުޅެނީ ހޭލަ އެވެ. ގުރާ އަޑުގަދަކޮށް އެންމެން ހޭލައްވާލީ އެވެ.

ބިންހެލުން އައިވަގުތު އެންމެން ތިބީ ހޭލާކަމުން އެތަން ބޮލަށް ނުވެއްޓެނީސް އިމާރާތުން ބޭރަށް ނުކުތުމުގެ ފުރުސަތު އާއިލާއަށް ލިބުނެވެ.

ތުރުކީގެ ނިއުސް އެޖެންސީއަކަށް ދިން އިންޓަވިއުއެއްގައި މި އާއިލާގެ ފިރިހެން ކުއްޖެއް ކަމަށްވާ މުސްތަފާ ސިމަން، 17، ބުނި ގޮތުގައި ގުރާ ޒާތެއްގެ އަޑެއް ކަރުބުޑުން ނެރިގެން ހަޅޭއްލަވަންފެށި ގޮތަށް ގޭގެ ހުރިހާ ބޮތްކެއް ދިއްލާ އަލި ނުކުރަނީސް ހުއްޓައެއް ނުލި އެވެ. އެ ސޮރު އިނީ ކޮށީގައި ކަމުން ކޮށީގެ ތެރޭގައި އެސޮރުގެ ފިޔަގަނޑުން ތަޅަމުން އަޑުގަދަކޮށް، ފުންމާ، އެހެންޏާ ނޫޅޭ ޒާތަކަށް އުޅުނެވެ.

"މި ދޫނީގެ ސަބަބުން އަހަރެމެންނަށް އެރޭ އެއްގޮތަކަށް ވެސް ނިދާލެވޭ ގޮތެއް ނުވި. އަހަރެމެންގެ ފުރާނަ ސަލާމަތްވާނެ ފުރުސަތު ލިބުނީ ގުރާގެ ސަބަބުން،" މުސްތަފާ ބުންޏެވެ.

މިހާރު މުސްތަފާ އާއި އާއިލާގެ އެންމެން ތިބީ ވަގުތީ ހިޔާތަކުގަ އެވެ. އެތަނުގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު އެންމެންގެ ހިތްއުފާކޮށްދޭ 'އެކުވެރިއަކަށް' މާވިސް ވަނީ ވެފަ އެވެ.