ތުރުކީ އާއި ސޫރިޔާ އަށް ހޯމަ ދުވަހު އައި ވަރުގަދަ ބިންހެލުމާއި އޭގެ ފަހުން އައި ހަމަ އެވަރުގެ ވަރުގަދަ ދެ ބިންހެލުމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ އެތައް ސަތޭކަ އިމާރާތެއް ވަނީ ބިމާ ހަމަވެފަ އެވެ. އަނިޔާ ލިބިފައިވާ އެތައް ހާސް ބަޔަކަށް ފަރުވާ ދެމުންދާއިރު ނުވެއްޓުނަސް ބައެއް އިމާރާތްތައް ހުރީ ދިރިނޫޅެވޭ ވަރަށް ސުންނާފަތިވެފަ އެވެ.
ބިންހެލުން ފުރަތަމަ އައީ ތުރުކީ ގަޑިން ފަތިހު 4.00 ހާއިރު އެވެ. މިއީ ތުރުކީއަށް ފިނި މޫސުމަށް ވާތީ އެންމެން ކަހަލަ ގޮތަކަށް ތިބީ ނިދާފަ އެވެ.
ބިންހެލުން އައި ވަގުތު އިމާރާތްތަކަށް ވީގޮތާއި މީހުންތައް ބިރުން ތެޅި ފޮޅެމުން ދިޔަ ގޮތުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ޓުވިޓާގައި މީހަކު ޕޯސްޓްކުރި އެފަދަ އެއް ވީޑިއޯއިން ބިންހެލުމުގެ ކުރިން ދޫނިތައް އުޅުނު އަޖައިބު ގޮތްތައް ވަނީ ފެނިފަ އެވެ. އެސޮރުމެން ބާރު ބާރަށް ގޮވައި ކޮޅުކޮޅަށް ވަރަށް ބާރަށް އުދުހި އުދުހިފައި އުޅެނިކޮށް މި ވީޑިއޯގައި ފެނެ އެވެ. މުޅި އެ ސަރަހައްދަށް ވަރުގަދަ ބިންހެލުމެއް އަންނަން އުޅޭކަން ދޫނިތަކަށް އިހްސާސްވެގެން އުޅޭހެން މި ވީޑިއޯ ބަލާމުން ހީވެ އެވެ.
"ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަން އެސޮރުމެންނަށް އިހްސާސް ކުރެވިގެން އުޅޭހެން ހީވަނީ،" ވީޑީއޯއަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.
އެހެން މީހަކު ބުނި ގޮތުގައި މިފަދަ ގުދުރަތީ ކާރިސާތައް ދިމާވުމުގެ ކުރިން ދޫނިސޫފާސޫތްޕަށާއި ޖަނަވާރުންނަށް އެކަން އިހްސާސް ކުރެވޭނެ އެވެ.
ނަމަވެސް އިނގިރޭސިވިލާތުގެ މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވަނީ މިއީ އިއްތިފާގަކަށް ވެދާނެ ކަމަށެވެ. ސަބަބަކީ ބައެއް ފަހަރަށް އޭނާގެ ގޭގެ ވަށައިގެން އުދުހޭ ދޫނިތައްވެސް އެއްވެސް ބޮޑު ކަމެއް ދިމާ ނުވެވެސް ބާރު ބާރަށް ހުރިހާ ދޫނި އެއްފަހަރާ ގޮވާ އުޅޭތަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ކޮމެންޓުކުރި އެހެން މީހަކު ބުނީ ބިމުގެ ވައިބްރޭޝަންގެ އަޑު ދޫނި ސޫފާސޫތްޕަށް މާއަވަހަށް ނަގައިގަނެވޭ ކަމަށާއި ކޮންމެވެސް ކަމެއް ދިމާވާން އުޅޭކަން އެސޮރުމެންނަށް މާކުރިން އިހްސާސް ކުރެވޭ ކަމަށެވެ.
ދޫނިތައް ތަންތަނަށް ދަތުރުކޮށް ހެދުމަށް ދުނިޔޭގެ މެގްނެޓިކް ފީލްޑް ބޭނުންކުރާ ކަމަށާއި ޖިއޯ މެގްނެޓިކް ބަދަލެއް އަންނަނަމަ އެ ސޮރުމެންނަށް އެކަން އިހްސާސްވާ ކަމަށާއި ބިންހެލުމުގެ ކުރިން ބިންގަނޑަށް ދިމާވާ ކަންތައްތައް ދޫނިތަކަށް މާފަސޭހައިން ނަގައިގަނެވޭނެ ކަމަށްވެސް ނިކްލޮސް ފޯމަންޓް ކިޔާ މީހެއްގެ ކޮމެންޓުގައި ބުނެފައި ވެއެވެ.