ލައިފްސްޓައިލް

ހަތް އަހަރުގެ ދައްތަ އިމާރާތުގެ ދަށުގައި ތާށިވެފައި އޮތްއިރުވެސް ކޮއްކޮ ހިމާޔަތްކޮށްގެން

ތުރުކީގެ ދެކުނަށާއި ސީރިޔާއަށް ހޯމަ ދުވަހު އައި 7.8ގެ ބާރުގަދަ ބިންހެލުމުގައި ގާތްގަނޑަކަށް 6،000 މީހުން މަރުވެފައިވާ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. ވެއްޓިފައިވާ އުސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އަދިވެސް އެތައް ހާސް ބަޔަކު އެބަތިއްބެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސީރިޔާގެ ރައްޔިތުންނަށް މި ބިންހެލުމުގެ ސަބަބުން އިތުރު މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އަދި އެމީހުން ކުރިން ތިބި ހާލަތަށް ވުރެ ގޯސް ހާލަތަކަށް އެމީހުންގެ ދިރިއުޅުން ވަނީ ބަދަލުވެފަ އެވެ. ބައެއް އާއިލާތައް މި ބިންހެލުމުގައި މުޅިން ނެތި ގޮސްފައި ވެއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވެގެން އުޅޭ އެއް ފޮޓޯއަކީ ސީރިޔާގެ ހާލުގައި ޖެހިފައިވާ އާއިލާއެއްގެ ދެބެންގެ ފޮޓޯ އެކެވެ. މި ފޮޓޯ ފެނިފައި މީހުންނަށް އެހާ އަސަރުކުރީ ހަތް އަހަރުގެ ކުޑަ އަންހެންކުއްޖެއްގެ ހިތްވަރުގަދަކަމާއި ކެތްތެރިކަން އަދި އާއިލާއަށް އޮތް ލޯބި މި ފޮޓޯއިން ވަރަށް ރަނގަޅަށް ހާމަވާތީ އެވެ.

މި ކުޑަ އަންހެންކުއްޖާ އާއި އޭނާގެ ފިރިހެން ކޮއްކޮ ވެސް ތިބީ ވެއްޓުނު އިމާރާތެއްގެ ތެރޭގައި ތާށިވެފަ އެވެ. އެކުދިން ތިބީ ބޮޑު ބެރިއެއްގެ ދަށުގައި ފިތިފަ އެވެ.

އދ. ގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު ސަފާ ޓުވިޓާގައި ޕޯސްޓްކޮށްފައިވާ މި ފޮޓޯގެ ކެޕްޝަނުގައި އޭނާ ލިޔެފައިވާ ގޮތުގައި އޭނާ އެ ފޮޓޯނެގިއިރު ދެބެން އިމާރާތުގެ ދަށުގައި ތާށިވެފައި ތިބޭތާ 17 ވަރަކަށް ގަޑިއިރު ވެދާނެ ކަމަށް ލަފާ ކުރެވެ އެވެ. އެހުރިހާއިރު ވީއިރުވެސް ކުޑަ އަންހެންކުއްޖާ އޭނާގެ ކޮއްކޮގެ ބޮލުގައި އަތް އަޅައިގެން ކޮއްކޮ ރައްކާތެރިކޮށްގެން އޮތް ގޮތް އޭނާ ސިފަ ކުރީ ކޮއްކޮއަށްޓަކައި ކުޑަ އަންހެންކުއްޖާގެ ހިތުގައި އޮތް ލޯބި ހާމަވާ ކަމެއްގެ ގޮތުގަ އެވެ.

މި ފޮޓޯ ބަލާފައި އެންމެން ވެސް ކުޑަ އަންހެންކުއްޖާގެ ރަނގަޅުކަމުން އަސަރުކޮށް އެވާހަކަ ދައްކާފައި ވެއެވެ. އަދި އެހާ ގިނައިރު އެ ބިލްޑިންގްގެ އަޑީގައި ތާށިވެފައި އޮތްއިރުވެސް އަންހެންކުއްޖާގެ މޫނުމަތީގައި އޮތް ހިނިތުންވުމާއި އުންމީދު ވެސް ގިނަ ބަޔެއްގެ ހިތާ ވަނީ ކުޅެލާފަ އެވެ. އަދި މި ފޮޓޯ ފެނުމުން ވެސް ހުރިހާ ބިރެއް ފިލައި ހިނގައްޖެކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

މި ފޮޓޯ ޕޯސްޓްކުރި އދ. އޮފިޝަލް ފަހުން ވަނީ މި ދެބެން ސަލާމަތް ކޮށްފައިވާ ކަމުގެ އުފާވެރި ޚަބަރު ވެސް ޓުވިޓާގައި ޝެއާ ކޮށްފަ އެވެ. އޭނާ ލިޔެފައިވާ ގޮތުގައި ދެބެންގެ ހާލު ވެސް ރަނގަޅެވެ.