ދިރާގު

އަންހެން ކުދިންނަށް ކޯޑްކުރުން ދަސްކޮށްދޭ ޕްރޮގްރާމް ލ. އަތޮޅުގައި ފަށައިފި

Jan 23, 2023

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް ގާލްސް ޓް ކޯޑްގެ ލާމު އެޑިޝަން ފަށައިފި އެވެ.

ގާލްސް ޓް ކޯޑް ޕްރޮގްރާމުގައި ބައިވެރިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ބޭސިކް ކޯޑިން ހުނަރު ދަސްކޮށްދޭނެ އެވެ.

ކްލާސްތައް ނިމޭއިރު ބައިވެރިންނަށް ދަސްވި ހުނަރު ބޭނުންކޮށްގެން އަމިއްލަ ވެބްސައިޓެއް ފަރުމާކުރެވޭނެ އެވެ.

ދެމަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށީ އިއްޔެ އެވެ. އުމުރުން 14 އަހަރާއި 20 އަހަރުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވާ މި މި މަސައްކަތަށް ވަނުމަށް ބާރުވެރިކުރުވުމެވެ.

ގާލްސް ޓު ކޯޑް ލާމު އެޑިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް ކޯޑިން ދަސްކުރުން މުހިއްމު ކަމަށެވެ.

"ވަޒީފާގެ ދާއިރާއިން ކޮންމެ މަގެއް އިޚްތިޔާރު ކުރިޔަސް، ކޯޑިންގއަކީ ތި ހުރިހާ ބައިވެރިންނަށްވެސް ފައިދާހުރި ހުނަރަކަށްވާނެކަން ޔަޤީން. އަދި މީގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ އައު ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ،" ބިޝާރާ ވިދާޅުވި އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ކުދިންނަށް ވަރަށް މުހިއްމު ހުނަރުތަކެއް ދަސްވެގެންދާނެ ކަމަށެވެ.

"ވެބްސައިޓް ބިނާކުރުމަށް ދަސްކޮށްދެމުންދާއިރު އެ ދަސްކޮށްދެވޭ ކޯޑިން ލެންގުއޭޖްތަކުގެ އިތުރުން ކުދިންގެ ވިސްނުން ބަހައްޓާނެ ގޮތާއި ޕްރޮބްލަމް-ސޯލްވިން ސްކިލްސްވެސް ދަސްވާނެ،" އަސްނާ ވިދާޅުވި އެވެ.

މިޕްރޮގްރާމަކީ ގާލްސް ޓް ކޯޑް ސީރީޒްގެ ހަތަރުވަނަ ޕްރޮގްރާމް އެވެ. މީގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރު ޏ. ފުވައްމުލަކު ގައެވެ. އަދި ދެވަނަ ޕްރޮގްރާމް ހިންގީ 2021 ވަނަ އަހަރު ގދ. ތިނަދޫގަ އެވެ. އަދި ތިންވަނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅު ހދ. ކުޅުދުއްފުށީގަ އެވެ.