އޭސީސީ

ސޯޝަލް މީޑިއާގައި ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް މިހާރުވެސް ބަލާ: އޭސީސީ

ސޯޝަލް މީޑިއާގައި މީހުން ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް މިހާރުވެސް ބަލާ މޮނީޓާ ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިހެން ބުނެފައި މިވަނީ އިއްޔެ އިދިކޮޅު ކޯލިޝަނުން އޭސީސީގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި މީހުން ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ބަލައި ޔުނިޓެއް ހެދުމަށް އޭސީސީން އެއްބަސްވެފައިވާ ކަމަށް އިދިކޮޅުން ބުނެފައި ވަނިކޮށެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިޝަލް ނިޝާން މުހައްމަދު ދީދީ ވިދާޅުވީ އޭސީސީގެ ކޮމިއުނިކޭޝަން ކަންކަން މެނޭޖްކުރާ މުވައްޒަފުން މިހާރުވެސް މެއިންސްޓްރީމް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކާއި ކުރާ ތުހުމަތުތައް ބަލައި މޮނީޓާ ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަތައް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްއޫލިއްޔަތުވެސް އަދާކުރާ ކަމަށް ވިދާޅުވި އެވެ.

"ކޮމިޝަނުގެ މުވައްޒަފުންވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގެންނައިރު، އިންތިހާބުތަކާއި ދިމާކޮށް ފުޅާ ދާއިރާއެއްގައި މި ކަންކަން ކުރެވޭ،" ނިޝާން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭސީސީގެ އަމިއްލަ އިސްނެގުމަށްވެސް މައްސަލަތައް ބަލަމުން ގެންދާ ކަމަށް ނިޝާން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރާނެ ކަމަށް ނިޝާން ވިދާޅުވި އެވެ. އަދި މި މަސައްކަތް ކުރުމަށް އާ ޔުނިޓެއް ހަދަން އޭސީސީން މަސައްކަތް ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.