ފޯކައިދޫ

ބޯކޮށް ވާރޭ ވެހި ފޯކައިދޫގެ ބައެއް ގެތަކުގައި ފެން ބޮޑުވެއްޖެ

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފޯކައިދޫގެ ބައެއް ގެތަކަށް ފެން ވަދެ ފެން ބޮޑުވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް ވިދާޅުވީ ރޭ 11:30 ހާއިރު ވެހެން ފެށި ވާރޭ ހުއްޓާލީ މިއަދު ފަތިހު ކަމަށެވެ. އަދި ވާރޭގެ ސަބަބުން ފަސް ގެއަކަށް ފެން ވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވާ ކަމަށް ވިދާޅުވި އެވެ.

އާސިފް ވިދާޅުވި ގޮތުގައި ފެން ބޮޑުވީ ރަށުގެ އެންމެ އަޑިކޮށް އޮންނަ ސަރަހައްދުގަ އެވެ. އަދި އާންމުކޮށް ބޯކޮށް ވާރޭ ވެހިއްޖެނަމަ އެ ސަރަހައްދުގައި ފެން ބޮޑުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެއީ ރަށުގެ އެންމެ އަޑި ސަރަހައްދު ވީމަ ބޯކޮށް ވާރޭވެހިއްޖިއްޔާ އެ ސަރަހައްދުގައި އަބަދުވެސް ފެންބޮޑުވޭ،" އާސިފް ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލާއި ފުލުހުން ގުޅިގެން ޕަމްޕު ބޭނުންކޮށްގެން ފެންބޮޑުވި ގެތަކުގެ ފެން ހިއްކާފައިވާ ކަމަށްވެސް އާސިފް މައުލޫމާތު ދެއްވި އެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެ މިއަދު ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން ވަނީ ބުނެފަ އެވެ. އަދި ވިއްސާރަ އަލިވެ މޫސުން ރަނގަޅުވާން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.