ޕީޕަލްސް ކަޕްގައި ރޭ ނިއު ރޭޑިއަންޓް އަތުން 1-0 އިން މެލޭޝިއާގެ ޕީޑީއަރްއެމް މޮޅުވިއިރު، މި މޮޅު ހާއްސަކުރަނީ ޕީޑީއާރްއެމް އަށް ކުޅެމުންދާ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ކަމަށް ޕީޑީއާރްއެމްގެ ކޯޗު އަޒްމާން އަދުނާން ބުނެފި އެވެ.
ނިއުގެ މައްޗަށް ޕީޑީއާރްއެމް އިން ރޭ ކުރި ހޯދީ ދެވަނަ ހާފުގައި ގެމްބިއާގެ މިޑްފީލްޑަރު މުހައްމަދޫ ސުމާރޭ ޖެހި ލަނޑުންނެވެ.
"މި މޮޅު އަހަރެމެން ހާއްސަކުރަނީ އަޝްފާގަށް،" މެޗަށް ފަހު އަޒްމާން ބުންޏެވެ. "ޕީޑީއާރްއެމްގެ ކޮންމެ ކުޅުންތެރިއެއް ވެސް މި މެޗަށް ނުކުތީ އަޝްފާގަށް ޓަކައި މެޗުން މޮޅުވާން. އަޝްފާގަށްޓަކައި މި މެޗުން މޮޅުވާން ކުޅުންތެރިން މަސައްކަތްކުރީ. މިއީ އަޝްފާގަށްޓަކައި ހޯދި މޮޅެއް."
އަޒްމާން ބުނީ ރޭގެ މެޗުގައި ދަގަނޑޭގެ ފަރާތުން ފެނުނު ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ދަގަނޑޭގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އަޝްފާގަކީ އޭޝިއާގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިއާ. މި މެޗުގައި ފެނުނު ކުޅުމަށްވުރެ މޮޅު ކުޅުމެއް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް އުންމީދުކުރަން. އަޝްފާގަކީ ވަރަށް ތަފާތު ކުޅުންތެރިއެއް. އަޝްފާގް ދަނޑުމަތީގައި ހުރަމަކީ ވެސް އެހެން ކުޅުންތެރިންނަށް ލިބޭ ހިތްހަމަޖެހުމެއް،" އަޒްމާން ބުންޏެވެ.
އަޒްމާން ބުނީ ނިއު އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި މެޗުން ޕީޑީއާރްއެމް މޮޅުވީ ނަސީބު ވެސް އެހީވުމުން ކަމަށެވެ.
"ނިއު އަކީ މޮޅު ޓީމެއް. އަހަރެމެންނަށް ކުރިން ވެސް އެނގޭ މެޗު ފަސޭހަނުވާނެކަން. މި މެޗުން މޮޅުވީ ނަސީބު ވެސް ރަނގަޅުވުމުން ކަމަށް ގަބޫލްކުރަން،" އަޒްމާން ބުންޏެވެ.