ކުޅިވަރު

ބާސެލޯނާ ސްޕެނިޝް ކަޕްގެ ސެމީ ފައިނަލަށް

ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އަމިއްލަ ދަނޑުގައި 0-1 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ޒަވީގެ ކޯޗުކަމުގައި ބާސެލޯނާ މި ސީޒަނުގައި އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް އެޓީމު މިހާރު އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގަ އެވެ. މި ސީޒަނުގެ ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދީ ބާސެލޯނާ އެވެ. ލީގާއި ސްޕެނިޝް ކަޕްގެ އިތުރުން އެޓީމު ދެން ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ.

ރޭގެ މެޗުގެ 40 ވަނަ މިނެޓުގައި ސޮސިއެޑާޑްގެ ބްރައިސް މެންޑޭޒް އަށް ސީދާ ރަތް ކާޑެއް ދެއްކުމުން މެޗުގެ ބާކީބައި އެޓީމު ފުރިހަމަކުރަން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ. އެހެންވެ މެޗުގެ ކޮންޓްރޯލް ހޯދަން ސޮސިއެޑާޑަށް އުނދަގޫވި އެވެ. މެންޑޭޒް އަށް ރަތް ކާޑު ދެއްކީ ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް އަށް ކުރި ފައުލަކަށެވެ.

ސޮސިއެޑާޑް އަކީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. ރޭގެ މެޗަށް ނުކުތްއިރު އޭގެކުރިން ކުޅުނު ނުވަ މެޗުން ވެސް އެޓީމު އޮތީ މޮޅުވެފަ އެވެ.

ބާސެލޯނާގެ ހަމައެކަނި ގޯލު 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ. މިއީ ޖޫލްސް ކޫންޑޭގެ އެހީގައި ޑެމްބެލޭ ޖެހި ގޯލެކެވެ.

ސެމީ ފައިނަލުގެ އަނެއް ޖާގަ ރޭ ހޯދީ އޮސަސޫނާ އެވެ. އެޓީމު ވަނީ ކުއާޓާ ފައިނަލް މެޗުގައި އަމިއްލަ ދަނޑުގައި 1-2 އިން ސެވިއްޔާ ބަލިކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމު 1-1 އިން އެއްވަރުވެގެންނެވެ. އޮސަސޫނާ މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖެހި ގޯލުންނެވެ.

ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު މިރޭ ކުޅޭނެ އެވެ. އެއް މެޗުގައި ވެލެންސިއާ އާއި އެތުލެޓިކް ބިލްބާއޯ ވާދަކުރާއިރު އަނެއް މެޗުގައި ރެއާލް މެޑްރިޑް ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.