ބާސެލޯނާ

ޓެގް: ކޮޕަ ޑެލް ރޭ Copa del Rey

ފުރަތަމަ ލެގްގައި 2-0 ބަލިވެފައި ވަނިކޮށް، ދެ ވަނަ ލެގްގައި 3-0 ން ސެވިއްޔާ ބަލިކޮށް ކޮޕަ ޑެލްރޭ ނުވަތަ ސްޕެނިޝް ކަޕްގެ ފައިނަލަށް ބާސެލޯނާ ދަތުރު ކޮށްފި އެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު، ސެވިއްޔާގައި ކުޅުނު ފުރަތަމަ ލެގް މެޗު، ސެވިއްޔާ ކާމިޔާބު ކުރީ 2-0 ންނެވެ. ރޭ ބާސާގެ ކޭމްޕްނޯ ގައި ކުޅުނު މެޗު ބާސާ މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ދެ ހާފު ކުޅެ، ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ލަނޑުންނެވެ.

މެޗުގެ ފަހު ވަގުތު ބާސާ ސަލާމަތް ކޮށްދިނީ، ޖެރާޑް ޕީކޭ އެވެ. ފުރަތަމަ ހާފުގައި އުސްމާން ޑެމްބެލޭ ލަނޑު ކާމިޔާބު ކުރި އެވެ. އެގްރިގޭޓް ނަތީޖާ 2-2 ން އެއްވަރު ކުރީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ކުޅުނު ވަގުތުގެ ތެރެއިން ހަތަރު ވަނަ މިނެޓްގައި ޕީކޭ ކާމިޔާބު ކުރި ލަނޑުންނެވެ.

އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ބާސާ ފައިނަލަށް ގެންގޮސް ދިން ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މާޓިން ބްރައިތުވައިޓް އެވެ.

ބާސާއިން ސެވިއްޔާގެ މައްޗަށް ހޯދި މޮޅަކީ އެއް ހަފުތާ ތެރޭ އެ ޓީމުގެ މައްޗަށް ހޯދި ދެ ވަނަ މޮޅެވެ. މިދިޔަ ހޮނިހިރު ދުވަހު ލަލީގާގައި، ބާސާ ވަނީ ސެވިއްޔާގެ މައްޗަށް 2-0 ން މޮޅުވެފަ އެވެ.

ފައިނަލްގައި، ބާސާ އާ ދެކޮޅަށް ކުޅެން ޖެހޭ ޓީމެއް ކަށަވަރު ވަނީ، މިރޭ، ލެވަންޓޭ އާއި އެތުލެޓިކް ކުލަބު ބިލްބާއޯ ކުޅޭ މެޗުންނެވެ. މި ދެ ޓީމު ފުރަތަމަ ލެގްގައި ބިލްބާއޯގައި ކުޅެ މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.