އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އަދަދަށް ވުރެ ހަތަރުވަނަ ކުއާޓަރުގައި ލިބުނު އަދަދު ގާތްގަނޑަކަށް 101 މިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.
ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި -- އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 168 މިލިއަން ރުފިޔާގެ ފައިދާ އެކެވެ.
އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރީގެ ފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 255 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 4.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ ތިންވަނަ ކުއާޓާގައި ވެސް ލިބުނު އަދަދެވެ.
ކުއާޓަރުގެ ހިސާބުތަކާއެކު އެސްޓީއޯ އިން ވަނީ އޮޑިޓް ނުކުރާ 2022 ވަނަ އަހަރުގެ ހިސާބުތައްވެސް ހާމަކޮށްފަ އެވެ. މިގޮތުން ނިމިދިޔަ 2022 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 18.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީއާއި އަޅާބަލާއިރު 79 އިންސައްތަ ކުރިއެރުމެކެވެ. 2021 ވަނަ އަހަރު އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 2.10 ބިލިއަން ރުފިޔާ އެވެ.
ފާއިތުވި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާ އެވެ. މިއީ 41 ޕަސެންޓުގެ ކުރިއެރުމެކެވެ.
މާލީ ކުއާޓަރު ރިޕޯޓުގައިވާ ގޮތުން އެސްޓީއޯގެ އޮޕަރޭޓިން ޕްރޮފިޓް ވަނީ ރިކޯޑު އަދަދަކަށް އިތުރުވެފަ އެވެ. އެގޮތުން އެ ކުންފުނިން ވަނީ 2022 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި އެކުންފުންޏަށް އެއް ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. 2021 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ޓެކްސްއަށް ކެނޑުމަށްފަހު 2022 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެ އެވެ. 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާ އެވެ. މިއީ 52 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯ އިން ބުނާ ގޮތުގައި މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމެވެ.