ސ. ފޭދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނަށެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމު އެވެ. އެސްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް އެވެ.
ސަރުކާރުން މީގެކުރިން ވަނީ ލ. ގަމުގައި އަޅާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް އެސްޖޭއާ ހަވާލުކޮށްފަ އެވެ.
އެސްޖޭ އިން އަމިއްލައަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު އެއް އަހަރުގެ ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 121.54 މިލިއަން ރުފިޔާ އެވެ.
މިމަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ. ފޭދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ފޭދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ. މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި އަދި މުނިފޫހިފިލުވާލުމަށް ޕާކަކާއި އަދި ވެހިކަލް ޕާކް ކުރުމަށްވެސް ހާއްސަ ތަނެއް ހެދުމަށް ނިންމާފައިވެ އެވެ.
ހައުސިން ޔުނިޓް އަޅާ ރަށްތަކާއި އަދަދު
- ހދ. ކުޅުދުއްފުށި - 400 ހައުސިން ޔުނިޓް
- ސ. ހިތަދޫ - 200 ހައުސިން ޔުނިޓް
- ފުވައްމުލައް - 200 އިން 400 އަށް ހައުސިން ޔުނިޓްގެ އަދަދު އިތުރުކުރެވިފައި
- ގދ. ތިނަދޫ - 200 ހައުސިން ޔުނިޓް
- ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
- ލ. ގަން - 100 ހައުސިން ޔުނިޓް
- ހއ. ދިއްދޫ - 75 ހައުސިން ޔުނިޓް
- ސ. ފޭދޫ - 75 ހައުސިން ޔުނިޓް
- ށ. މިލަންދޫ - 50 ހައުސިން ޔުނިޓް
- އއ. ރަސްދޫ - 50 ހައުސިން ޔުނިޓް
- ގއ. ވިލިނގިލި - 50 ހައުސިން ޔުނިޓް
- ނ. މަނަދޫ - 40 ހައުސިން ޔުނިޓް
- ނ. ހޮޅުދޫ - 30 ހައުސިން ޔުނިޓް
- ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.
ސަރުކާރުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކެއް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އަދި ބައެއް ރަށްތަކުގައި މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.