ލައިފްސްޓައިލް

ކަނޑުވި މީހެއް 24 ދުވަސްވަންދެން ކެއީ ކެޗަޕްކޮޅެއް

ކެރީބިއަން ކަނޑުގައި އޭނާ ދުއްވި ކުޑަ ބޯޓެއް މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު ޑޮމިނިކަން ރިޕަބްލިކްގެ މީހެއްގެ ބޯޓުގެ ބުރަފަތި ކުއްލިއަކަށް އެނބުރެން ފަށައި އެ ބޯޓު ބެހުނެވެ. އެ ބޯޓުގައި ހުރީ އެންމެ މީހެކެވެ. އޭނާ ބުނި ގޮތުގައި 24 ވަރަކަށް ދުވަސް އޭނާ މަރުނުވެ ދުނިޔޭގައި ހުރީ ބޯޓުގައި ހުރި ކެޗަޕް ފުޅިއަކާއި ސީޒަނިން ކޮޅެއް ކާލައިގެންނެވެ.

އެ ބޯޓުގައި އާއްމުކޮށް ތަންތަނަށް ދަތުރުކޮށް އުޅޭ 47 އަހަރު އެލްވިސް ފްރެންކޮއިސް ބުނި ގޮތުގައި އޭނާ ކަނޑުވީ ސެންޓް މާޓިން ކައިރީގައި ބޯޓް ބާއްވައިގެން މަރާމާތުގެ މަސައްކަތެއް ކުރަނިކޮށް ބޯޓުގެ ބުރަފަތި ކުއްލިއަކަށް ހިނގައިގަތުމުން ވާ ކަނޑައިގެން ގޮސް ކަނޑަށް ބޯޓު ބެހިގެން ކަމަށެވެ. އެއީ މިދިޔަ ޑިސެމްބަރު މަހު ކަމަށާއި އޭނާގެ ފޯނުގެ ސިގްނަލް ނުލިބޭތީ އެއްވެސް މީހަކާ ގުޅޭ ގޮތެއް ވެސް ނުވީ ކަމަށް އެސޯސިއޭޓަޑް ޕްރެސް (އޭޕީ) އަށް ދިން އިންޓަވިއުއެއްގައި ފްރެންކޮއިސް ބުންޏެވެ.

ކަނޑުމަތީ ހޭދަކުރި 24 ދުވަހު ފްރެންކޮއިސް އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ ބޯޓު ދިޔަވެގެން ފެތުނަ ނުދީ ބޭއްވުމަށް ކުރަން ޖެހުނު މަސައްކަތެވެ. އަދި ބޯޓުގައި އެއްގޮތަކަށް ވެސް ކާ އެއްޗެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"ބޯޓުގައި ހުރީ ކެޗަޕް ފުޅިއަކާއި ގާލިކް ޕައުޑަރު ކޮޅެއް އަދި މެގީ. އަހަރެން އެ އެއްޗިއްސަށް ފެންކޮޅެއް އަޅައިގެން ކެއީ،" ފްރެންކޮއިސް ބުންޏެވެ.

އޭޕީއިން ބުނި ގޮތުގައި ކަނޑުވެގެން ހޭދަވީ ދުވަސްތަކުގައި ވާރޭ ވެހޭއިރު ފްރެންކޮއިސް ފޮތިގަނޑެއް ދިއްކޮށްގެން ވާރޭ ފެން ނެގި ކަމަށެވެ. އަދި މީހުންގެ ސަމާލުކަން ހޯދަން އެއްޗެއްގައި އަލިފާން ރޯކުރެވޭތޯ ވެސް އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ވީ ނާކާމިޔާބެވެ.

ކޮލަމްބިއާގެ ނޭވީން ވައިގެ މަގުން ފްރެންކޮއިސް ހޯދަނިކޮށް ފެނުނީ ކޮލަމްބިއާގެ އިރުއުތުރުން އޮންނަ ލާ ގުއާޖިރާ އާ 120 ނޯޓިކަލް މޭލު ބޭރުންނެވެ. އޭރު އޭނާ ފުރާނަ ސަލާމަތް ކުރެވޭތޯ އެ ބޯޓުގައި އޮވެ މަސައްކަތްކުރާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ.

ވައިގެ މަގުން އޭނާ ހޯދަމުން ދިޔަ މީހުންނަށް އެ ބޯޓުގައި "ހެލްޕް" މިހެން ލިޔެފައިވާ މެސެޖެއް ފެނުމުން އެއީ އޭނާކަން ޔަގީން ކުރެވުނީ އެވެ. އެހިސާބުން ނޭވީން ވަނީ ކައިރީގައި އޮތް ބޯޓެއް ފްރެންކޮއިސް ކައިރިއަށް ފޮނުވާ އެ ބޯޓަށް ފްރެންކޮއިސް ނަގާފަ އެވެ.

ވަރަށް ބޮޑަށް ބަރުދަން ލުއިވެފައިވީނަމަވެސް ފްރެންކޮއިސްގެ ސިއްހަތު މާ ގޯސް ނޫންކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

"24 ދުވަސް ކަނޑުމަތީގައި. އެއްވެސް ހިކިފަސް ތަނެއް ނުފެނޭ. ވާހަކަ ދައްކާލާނެ މީހަކު ނެތް. ހަދާނެގޮތެއް ވެސް ނޭނގުނު. މި އޮވެވުނީ ކޮން ހިސާބެއްގައި ކަމެއް ވެސް ނޭނގުނު. ވަށައިގެން އޮތީ ހުސް ކަނޑު. ވަރަށް ހާލުގައި އަހަރެން އުޅުނީ. ބައެއް ފަހަރު ސަލާމަތްވާނެކަމުގެ އުންމީދު މުޅިން ގެއްލޭ. އާއިލާ އާ މެދު ވަރަށް ވިސްނުނު،" ފްރެންކޮއިސް ބުންޏެވެ.