ކުޅިވަރު

އެތުލެޓިކޯ ބަލިކޮށް ރެއާލް ސެމީ އަށް

ސްޕެނިޝް ކަޕްގައި ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް 1-3 އިން ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުތަކުން މޮޅުވެ ބާސެލޯނާ އާއި އޮސަސޫނާ ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދާފަ އެވެ. ރޭ ކުޅުނު އަނެއް މެޗުގައި އެތުލެޓިކް ބިލްބާއޯ ވަނީ ރަށުން ބޭރުގައި 3-1 އިން ވެލެންސިއާ ބަލިކޮށް ސެމީ އަށް ދަތުރުކޮށްފަ އެވެ.

ސެމީ ފައިނަލުގެ ގުރު ނެގުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

ރޭގެ މެޗުގެ 19 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ ލީޑު ނަގައިފަ އެވެ. އާޖެންޓީނާގެ ނަހުއެލް މޮލީނާ ނަގައިދިން ހުރަހަކުން މި ގޯލު ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ.

އެތުލެޓިކޯ އިން ވަނީ މެޗުގެ ފަހު 10 މިނެޓާ ހަމައަށް ލީޑު ހިފަހައްޓައިފަ އެވެ. އެކަމަކު 79 ވަނަ މިނެޓުގައި ބްރެޒިލްގެ ޒުވާން ފޯވާޑް ރޮޑްރީގޯ ވަނީ މޮޅު ގޯލަކާ އެކު ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރޮޑްރީގޯ މި ގޯލު ޖެހީ އެތުލެޓިކޯގެ ތިން ކުޅުންތެރިން ކަޓުވާލުމަށް ފަހު އެވެ.

1-1 އިން މެޗު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ސްޓެފަން ސަވިޗް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

ރެއާލް ލީޑު ނެގި ގޯލު 104 ވަނަ މިނެޓުގައި ޖެހީ ކަރީމް ބެންޒެމާ އެވެ. އަދި އެޓީމަށް ލީޑު ފުޅާކޮށްދިން ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހީ ވިނީޝަސް ޖޫނިއާ އެވެ.

ސްޕެނިޝް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގް އޮންނާނީ ފެބްރުވަރީ ކުރީކޮޅު އެވެ. ދެވަނަ ލެގް އޮންނާނީ މާޗް މަހުގެ ކުރީކޮޅު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި 6 ވަނަ ދުވަހު އެވެ.