ދުނިޔެ

ބީބީސީ އަރަބި ރޭޑިއޯ ހުއްޓާލައި، އަރަބި ވެބްސައިޓް ކުރިއަށް ގެންދަނީ

ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އިން އަރަބި ރޭޑިއޯ ޗެނަލް ހުކުރު ދުވަހު ހުއްޓާލައިފި އެވެ. އެހެން ނަމަވެސް އޮފިޝަލުން ބުނާ ގޮތުން ބީބީސީ އަރަބި ވެބްސައިޓަށް ކޮންޓެންޓްތައް އިތުރުކޮށް ކުރިއަށް ގެންދާނެ އެވެ.

ބީބީސީ އަރަބި ރޭޑިއޯ މި ހުއްޓާލީ ކުންފުނީގެ ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ ކުރިއާލައި އިއުލާންކުރުމަށް ފަހު އެވެ. މިދިއަ އަހަރު ސެޕްޓެމްބަރުގައި ބީބީސީން ނެރުނު ބަޔާނެއްގައި އަރަބި ޗެނަލްގެ އިތުރު ބައެއް ޗެނަލްތައް ހުއްޓާލާ ގޮތަށް އޮތީ ހަމަޖައްސާފަ އެވެ.

ބައްރުތަކަށް ހާއްސަކޮށް ބްރޯޑްކާސްޓްކުރުން މަދުކޮށް އުރުދޫ، ޗައިނީޒް، އިންޑޮނީޝިއާ، ގުޖުރާތު އަދި ވަކިވަކި ކުދި ގަބީލާތަކަށް ހާއްސަ ޗެނަލްތައް މަދުކޮށް އޭގެ ބަދަލުގައި އެ ހިދުމަތްތައް އޮންލައިންކުރަން ވިސްނާ ކަމަށް ވެސް ސެޕްޓެމްބަރުގައި ބީބީސީން އޮތީ ބުނެފަ އެވެ.

އޮންލައިން ކޮންޓެންޓްތައް އިތުރުކުރުމާ އެކު ރޭޑިއޯ އާއި ޓީވީ ޗެނަލްތަކުން އަރަބި ކޮންޓެންޓްތަކާއި ތުރުކީ، ޕާސިއަން، އަޒަރުބައިޖާން، ވިއެޓްނާމް، ރަޝިއާ އަދި ތައިލޭންޑަށް ހާއްސަ އޯޑިއޯ/ވީޑިއޯ ކޮންޓެންޓްތައް މަދުކުރުމަށް ވެސް އޮތީ ނިންމާފަ އެވެ.

ބީބީސީން ބުނީ ސީދާ ލަންޑަނުން ބްރޯޑްކާސްޓް ކުރުމުގެ ބަދަލުގައި ބައެއް ހިދުމަތްތައް އެ ސަރަހައްދުތަކަށް -- މިސާލަކަށް ތައި ސާވިސަސް، ބޭންގްކޮކަށް، ކޮރެއާ ޗެނަލް އެ ގައުމުގެ ވެރިރަށް ސޯލްއަށް އަދި ބަނގުލާ އިންޑޮނީޝިއާގެ ޖަކާޓާ އަށް ބަދަލުކުރާނެ ކަމަށްވެސް އެ ކުންފުނިން އޭރު އޮތީ ބުނެފަ އެވެ.

ބީބީސީން މި ގެނައި ބަދަލާ އެކު އެ ކުންފުނިން ބުނާ ގޮތުން 382 ވަޒީފާ މަދުކުރެވޭނެ އެވެ. މިއީ ސަރުކާރުގެ ޓެކްސް ފައިސާއިން ކުންފުނި ހިންގުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ތެދުވަން ގެނައި ބަދަލެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބީބީސީ އަރަބި ޗެނަލް ހުއްޓާލުމާ އެކު ވަރަށް ގިނަ ބަޔަކު ހިތާމަފާޅުކުރަން ޓްވިޓާއަށް ވަނީ ނުކުމެފަ އެވެ. އެ މީހުން ބުނާ ގޮތުން ހިދުމަތްދެމުން ގެންދާތާ 85 އަހަރުވާން ކައިރިވެފައި އޮތް ޗެނަލެއް ހުއްޓާލުމުން ކަރުނަ ފޭދިއްޖެ އެވެ.

ހިތްދަތި އިހުސާސްތަކެއް ކުރެވޭ ކަމަށް ބެސް ބައެއް މީހުން ވަނީ ބުނެފަ އެވެ. ހީވަނީ ބާރުގަދަ ރަސްކަމެއް އިންގިލާބަކުން ބާރުކަނޑުވާލުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.