ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކްލަބް ވޮލީބޯލް ބަލިކޮށް ކްލަބް ވެމްކޯ އިން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލުން ވެމްކޯ މޮޅުވީ 3-1 އިންނެވެ.
ކްލަބް ވޮލީބޯލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ހަތަރު ޓީމު ވާދަކުރި ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެހެންވެ ފައިނަލަށް ތައްޔާރުވާން އެޓީމަށް އެކަށީގެންވާ ވަގުތު ލިބުނެވެ. ވެމްކޯ ފައިނަލުން ފުރުސަތު ހޯދީ ލީގު ބުރަށް ފަހު ކުޅުނު ސެމީ ފައިނަލް މެޗުގައި ކްލަބް އީގަލްސް 3-1 އިން ބަލިކޮށްގެންނެވެ. ވެމްކޯ އަށް ލީގު ބުރުގައި ލިބުނީ ދެވަނަ އެވެ. ލީގު ބުރުގައި ވެމްކޯއާ ވާދަކޮށް ކްލަބް ވޮލީބޯލް 1-3 އިން މެޗު ކާމިޔާބުކުރި އެވެ. އެކަމަކު ރޭގެ ފައިނަލުގައި ވެމްކޯ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ.
މެޗުގެ ފުރަތަމަ ސެޓު 25-11 އިން ގެންދިޔައީ ވެމްކޯ އެވެ. މި ސެޓުގައި ވެމްކޯ ލީޑުގައި އޮވެ ނިންމާލީ އިތުބާރާ އެކު އެވެ. އެކަމަކު ދެވަނަ ސެޓުގައި ކްލަބް ވޮލީބޯލް އިން ވަނީ ކުޅުން ރަނގަޅުކޮށް ސެޓު ގެންގޮސްފަ އެވެ. މި ސެޓު އެޓީމު ގެންދިޔައީ 22-25 އިންނެވެ.
ވެމްކޯ އިން ޗެމްޕިއަންކަން ކަށަވަރުކުރީ ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކައިގެންނެވެ. ތިންވަނަ ސެޓު 25-19 އިން ގެންދިޔައިރު ޗެމްޕިއަންކަން ކަށަވަރުކުރި ސެޓު ވެމްކޯ އިން ކާމިޔާބުކުރީ 25-14 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯގެ ޕްރަތީބާ މަލީ އެވެ. ވެމްކޯ އިން ޗެމްޕިއަންކަން ހޯދުމުގައި އެޓީމުގައި ތިބި ދިވެހި ކުޅުންތެރިންނަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ޕްރަތިބާގެ މޮޅު ކުޅުމެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، ވެމްކޯގެ އާއިޝަތު މާޖިދާ، އާމިނަތު އަރީޝާ، ޖޫޒާން ޒަރީރު، އާމިނަތު ރިޔާޝާ އަދި ކްލަބް ވޮލީބޯލްގެ ޝާނިޔާ، ފައިހާ މުހައްމަދު އަދި ނަރީމާ އިދުރީސް އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯގެ މާޖިދާ އެވެ. ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ވޮލީބޯލްގެ ފާތިމަތު ލިވާ ހުސައިން އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯ އަށް އިރުޝާދުދިން އާއިޝަތު ނާޒިމާ އެވެ.
މިއީ 2019 ވަނަ އަހަރުގެ ފަހުން ގައުމީ ވޮލީބޯޅައިގެ އަންހެން ޑިވިޝަން ބޭއްވި ފުރަތަމަ ފަހަރެވެ. އެފަހަރު ފައިނަލުގައި ވެމްކޯ ބަލިކޮށް ޗެންޕިއަންކަން ހޯދީ ޕޮލިސް ކްލަބެވެ. މިއީ ވެމްކޯ އަށް ގައުމީ ތަށި ހޯދުނު ފުރަތަމަ ފަހަރެވެ.