ހަބަރު

ހުޅުމާލޭ ހޮސްޕިޓަލުގައި މިއަހަރު ގިނަ ސާޖަރީތަކެއް ފަށާނެ: މިިނިސްޓަރު

މިއަހަރުގެ ތެރޭ ހުޅުމާލެ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހަދަން ފަށާނެ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ހިލޭ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި 100 މީހެއްގެ ލޮލުގެ ފުސް ކެހުމުގެ، ކެޓަރެކްޓް ސާޖަރީ ހެދުމުގެ "އައި ކޭމްޕް" ނިންމާލަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ އައި ކޭމްޕްތައް ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކިީ މިފަދަ ކޭމްޕްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުން. އަވަސް މުސަތްގަބަލެއްގައި މިފަދަ އެހެން ކޭމްޕްތައް ކުރިއަށް ގެންދިއުމަކީވެސް އަޅުގަނޑުމެންގެ އުއްމީދެއް. އަދި މިއަހަރު ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި އެހެނިހެން ބަލިތަކުގެ ސާޖަރީތައްވެސް ހަދާނެ" އިރުތިޝާމް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އިތުރު ކޭމްޕްތައް ކުރިއަށް ގެންދިއުމަށް ގައުމުތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ޖެނުއަރީ 17 އިން ފެށިގެން ނުވަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ކޭމްޕްގައި މިހާތަށް 83 މީހެއްގެ ލޮލުގެ ފުސް ކަހާފައިވާ އިރު މިއަދު 17 މީހެއްގެ ލޮލުގެ ފުސް ކަހާނެ އެވެ.

ސާޖަރީ ހެދުމުގައި ހަރަކާތްތެރިވަނީ ޗައިނާގެ ލޮލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުންނެވެ. އޮޕަރޭޝަން ކުރުމަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓްތަކާއި މެޝިން ވެސް ގެންނަނީ ޗައިނާ އިންނެވެ. ލޮލުގެ ފުސް ކެހުމުގެ ސާޖަރީ ހަދަން ބޭނުންކުރި އިކުއިޕްމަންޓްތައް ޗައިނާ އިން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އެ އިކުއިޕްމެންޓްތަކަކީ 370،000 ޑޮލަރުގެ އަގުހުރި އެއްޗެހި ކަމަށެވެ.

މި ޕްރޮގްރާމަކީ، ރާއްޖޭގެ ސިއްހީދާއިރާގެ ހިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޗައިނާގެ ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްރޮޓެކްޝަނާ ގުޅިގެން "ބްރައިޓް ޖާނީ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.