ޓްރީ ޓޮޕް ހޮސްޕިޓަލް

މާލޭގައި ޓްރީޓޮޕްގެ ކްލިނިކެއް ހުޅުވައިފި

ދިވެހިންނަށް މަތީ ފަންތީގެ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ޓްރީޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކެއް މާލޭގައި ހުޅުވައިފި އެވެ.

މާލޭ ބުރުޒުމަގު، މއ. ޗަމްޕާ ވިލާގޭގައި ޓްރީޓޮޕްގެ މި ކްލިނިކު ހުޅުވީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

އާންމު ބަލިތަކަށް މި ކްލިނިކުން އަދި ފަރުވާ ނުލިބުނު ނަމަވެސް، މާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހަކޮށްދިނުމަށް މުހިއްމު ހިދުމަތްތަކެއް މި ކްލިނިކުން ލިބެން ހުންނާނެ އެވެ.

މިގޮތުން މި ކްލިނިކުން ފިޒިއޮތެރެޕީގެ ހިދުމަތާއި ޓެސްޓުތައް ހެދުމަށް ސާމްޕަލް ނެގުމުގެ ހިދުމަތް ލިބޭނެ އެވެ. މިއީ މާލޭގައި ދިރިއުޅޭ މީހުންނަށް ލިބިގެންދާނެ ބޮޑު ފަސޭހަ އަކަށް ވާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކްލިނިކެއް ކަހަލަ ގޮތަކަށް މީގެކުރިން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ވެސް ތަނެއް ހިންގި އެވެ.

ހުޅުމާލޭގައި 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލަކީ ޒަމާނީ ވަސީލަތްތަކާއެކު ގިނަ ހިދުމަތްތަކެއް ލިބޭ ޓާޝަރީ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ހުޅުވީ ޕެބްރުއަރީ 29، 2018 ގައެވެ.