އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ކެރިއަރުގައި 10 ވަނަ ފަހަރަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ހޯދައިފި އެވެ.
ޖޮކޮވިޗް ޗެމްޕިއަންކަން ހޯދީ މިއަދު މެންދުރު ފަހު ކުޅުނު ފައިނަލުގައި ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސްއާ ވާދަކޮށް ތިން ސެޓުން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ 6-3، 7-6 އަދި 7-6 އިންނެވެ.
ފައިނަލް މެޗު ބެލުމަށް އޮސްޓްރޭލިއާގެ މެލްބޯން ޕާކަށް 45000 ސަޕޯޓަރުން ހާޒިރުވި އެވެ. މީގެ ތެރެއިން 15000 ސަޕޯޓަރުން ތިބީ މެޗު ކުޅުނު އެރީނާގަ އެވެ.
އުމުރުން 35 އަހަރުގެ ޖޮކޮވިޗް 10 ވަނަ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރިއިރު އޭނާ މިހާރު ވަނީ ގްރޭންޑް ސްލޭމްގެ 22 މުބާރާތް ކާމިޔާބުކޮށްފަ އެވެ. މި އަދަދަށް މީގެ ކުރިން ގްރޭންޑް ސްލޭން ހޯދި ފިރިހެން އެތުލީޓަކީ ސްޕެއިންގެ ރަފައެލް ނަޑާލް އެވެ.
މިފަހަރުގެ މުބާރާތުގައި ޖޮކޮވިޗް އަތުން ގެއްލުނީ އެންމެ ސެޓެކެވެ. އެއީ ދެވަނަ ބުރުގައި ފްރާންސްގެ އެންޒޯ ކޯކައުޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ގެއްލުނު ސެޓެކެވެ.
ޖޮކޮވިޗް 2018 ވަނަ އަހަރުގެ ފަހުން އޮސްޓްރޭލިއަން އޯޕަން މެޗަކުން ބަލިވެފައެއްނުވެ އެވެ. އަދި ސިންގަލްސް މެޗަކުން ބަލިނުވެ ޖޮކޮވިޗް ވަނީ މިހާރު 28 މެޗު ހަމަކޮށްފަ އެވެ.
މެޗަށް ފަހު ޖޮކޮވިޗް ވުނީ މިފަހަރުގެ މުބާރާތަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. ޖޮކޮވިޗް މިހެން ބުނިއިރު މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އޭނާ އަށް ނުލިބުނެވެ. އެ ފުރުސަތު ގެއްލުނީ ކޮވިޑް ވެކްސިން މައްސަލައިގައި އޮސްޓްރޭލިއާ އިން ޖޮކޮވިޗް ޑީޕޯޓް ކޮށްލުމުންނެވެ.
މިފަހަރުގެ މުބާރާތުގެ ކުރިން ޖޮކޮވިޗަށް އަނިޔާގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތައް ވެސް ކުރިމަތިވި އެވެ. ޖޮކޮވިޗްގެ ބައްޕައާ ޖެހުނު މައްސަލައެއްގައި ފައިނަލް މެޗު ބަލަން ޖޮކޮވިޗްގެ ބައްޕަ ދަނޑަށް ވަދެފައެއްނުވެ އެވެ. ދަނޑުގައި ޖޮކޮވިޗްގެ މަންމަ އިން ގޮނޑިއާ ޖެހިގެން ބައްޕަ އަށް ހާއްސަކޮށްފައިވާ ގޮނޑި އިނީ ހުސްކޮށެވެ.
"ހަމައެކަނި އަހަރެންގެ ޓީމާ އާއިލާ އަށް އެނގޭނީ މިދިޔަ ފަސް ވަރަކަށް ހަފްތާ އަހަރެން ކުރިމަތިލާން ޖެހުނު ކަންކަން. އެ ހުރިހާ ކަމަކަށް ބަލައި މިއީ އަހަރެންނަށް ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ" މެޗަށް ފަހު ޖޮކޮވިޗް ބުންޏެވެ.
ފައިނަލުގައި ބަލިވި ސިޓްސިޕާސް އަށް އަދި ގްރޭންޑް ސްލޭމް ތައްޓެއްގައި އަތްލެވޭ ގޮތެއްނުވެ އެވެ. އޭނާ ވަނީ 2021 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ވެސް ޖޮކޮވިޗް އަތުން ބަލިވެފަ އެވެ. 24 އަހަރުގެ ސިޓްސިޕާސް ވަނީ އެފަހަރުގެ ފައިނަލުގައި ޖޮކޮވިޗާ ރަނގަޅު ވާދައެއް ކޮށްފަ އެވެ.
މެޗަށް ފަހު ސިޓްސިޕާސް ބުނީ އޮސްޓްރޭލިއަން ތައްޓަށް އޭނާ އިންތިޒާރު ކުރާ ކަމަށާއި، އެކަމަށް ކުރާ އުއްމީދަށް ބަދަލެއް ނާންނަ ކަމަށެވެ.