ލައިފްސްޓައިލް

45 އަހަރުގެ މީހަކު ޅަ ކުއްޖަކަށް ވާހިތުން ދެ މިލިއަން ޑޮލަރު ޚަރަދުކޮށްފި

ބްރަޔަން ޖޯންސަން އަކީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ބައޮޓެކް ކުންފުނީގެ ސީއީއޯ އެވެ. އުމުރުން 45 އަހަރުގެ ބްރަޔަން މިހާރު ފެން ހެން ފައިސާ އޮއްސަމުން ދަނީ އޭނާގެ ކުންފުނި ކުރިއަރުވާކަށް ނޫނެވެ. އޭނާގެ އުމުރުން ދުވަސް ވާވަރަކަށް ހަށިގަނޑަށް އަންނަމުންދާ ބަދަލުތައް ފަހަތަށް ޖައްސާލައި އަލުން 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކަށް ވުމަށެވެ.

މި ވިޔަފާރިވެރިޔާ ޒުވާން ވުމަށް ކުރާ މަސައްކަތުގައި އޭނާއާ އެހީތެރިވުމަށް 30 ޑޮކްޓަރުންނާއި ސައިންސްވެރިންގެ ޓީމެއް އައްޔަން ކޮށްފައި ވެއެވެ. އަދި މިކަމަށްޓަކައި އޭނާ އަހަރަކު ދެ މިލިއަން ޑޮލަރު ޚަރަދު ކުރެ އެވެ.

ބްލޫމްބާގް ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޕްރޮޖެކްޓް ބްލޫޕްރިންޓް ނަމުގައި އޭނާ މިހާރު ކުރިއަށް ގެންދަނީ އަޖުމަ ބެލުމުގެ (އެކްސްޕެރިމެންޓަލް) ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން އޭނާ ވީގަން ޑައިޓެއް ނަގަމުންދާއިރު މި ކެއުމުގައި ދުވާލަކު އޭނާ ކަނީ 1،977 ކެލޮރީޒްގެ ކާނާ އެވެ. އަދި ހަށިގަނޑަށް ވަރަށް ބާރުކުރާ ކަހަލަ ގިނަ ކަސްރަތުތައް ކޮންމެ ދުވަހަކުވެސް ކުރެ އެވެ. އަދި ގަވާއިދުން އެއް ގަޑިއެއްގައި އެއްވަރަކަށް ނިދަ އެވެ. ގަވާއިދުން އަލްޓްރާސައުންޑްސް، އެމްއާރްއައި، ކޮލޮނޮސްކޮޕީސް އަދި ލޭގެ ޓެސްޓްތައް އޭނާ ހަދަމުން ދެއެވެ.

ބްރަޔަންގެ އުމުރުން 45 އަހަރަސް މިހާރު އޭނާގެ ހަށިގަނޑުގެ ބައެއް ބައިތައް ހުރީ 18 އަހަރު ކުއްޖެއްގެ ހުންނަ ވަރަށެވެ.

އޭނާގެ ކޮންމެ ދުވަހެއް ވެސް ފެށެނީ ދެ ޑަޒަނެއްހާ ސަޕްލިމެންޓްސް އާއި ފެހިކުލައިގެ ޖޫހަކުންނެވެ. އަދި ގައިގައި ސަރުބީ ހުރި ވަރު ކޮންމެ ދުވަހަކުވެސް މިނަ އެވެ. އަދި ހިތުގެ ހިނގުމާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު ވެސް ބަލަ އެވެ. ވަކި ވައްތަރެއްގެ ޚާއްސަ އައިނެއް އަބަދުވެސް އަޅައިގެން އޭނާގެ ލޮލަށް ސީދާ އިރުގެ އަލި ނުލިބި އުޅެ އެވެ. އަދި ކޮންމެ ރެއަކުވެސް ނިދުމުގެ ދެ ގަޑިއިރު ކުރިން ސިކުނޑީގެ މަސައްކަތް ހުރި ގޮތް ޑިވައިސް އެއްގެ އެހީގައި މޮނިޓާ ކުރެ އެވެ.

ބްރަޔަން ޒުވާން ވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް މަޑުމަޑުންނެވެ. އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބަލަމުންނެވެ. އެހެންވެ ދެ އަހަރު ތެރޭގައި އޭނާ ކުރި މި މަސައްކަތުން މިހާރު އޭނާގެ ހިތް ހުރީ 37 އަހަރުގެ މީހެއްގެ ހިތް ހުންނާނެ ސިއްހަތުގައެވެ. ގައިގެ ހަން ހުރީ 28 އަހަރުގެ މީހެއްގެ އާއްމުކޮށް ހުންނާނެ ވަރަށެވެ. ފުއްޕާމޭގެ ކެޕާސިޓީ ހުރީ 18 އަހަރު ކުއްޖެއްގެ ހުންނަ ވަރަށެވެ. އަދި ހިރުގަނޑު ހުރީ 17 އަހަރުގެ ކުއްޖެއްގެ ހުންނަ ވަރަށެވެ. އެހެންވެ ޖުމްލަކޮށް ބަލާއިރު އޭނާގެ އުމުރުން ފަސް ވަރަކަށް އަހަރު ފަހަތަށް ޖައްސާލެވިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ބްރަޔަންގެ މި އެކްސްޕެރިމެންޓްގައި އިސްކޮށް މަސައްކަތް ކުރައްވަނީ 29 އަހަރުގެ ފިޒީޝަނެއް ކަމަށްވާ އޮލިވާ ޒޮލްމަން އެވެ.

މި އެކްސްޕެރިމެންޓްގެ އެހީގައި އޮލިވާ ސާބިތުކޮށްދޭން ބޭނުންވަނީ އިންސާނާގެ މެޑިކަލް އުމުރު 25 ޕަސެންޓް ފަހަތަށް ޖައްސާލެވިދާނެ ކަމެވެ. އެއީ އެމީހާގެ އެތެރެހަށީގެ ގުނަވަންތަކުގެ އުމުރު ފަހަތަށް ޖައްސާ ލައިގެންނެވެ. މިކަމަށް އޭނާއަށް ގަޑިއަކަށް 1000 ޑޮލަރު ބޭނުންވެ އެވެ. އެއީ ޖޯންސަން މެދުވެރިކޮށް އިރުއިރުކޮޅުން ހަދާ މެޑިކަލް ޓެސްޓް ތަކަށެވެ.

މި މަސައްކަތް އޭނާ ފެށީ 30ގެ އަހަރު ތަކުގައި އޭނާ ހިންގި ކުންފުންޏެއް ކަމަށްވާ ބްރޭންޓްރީ ޕޭމަންޓް ސޮލިއުޝަންސް 800 މިލިއަން ޑޮލަރަށް އީބޭ އަށް ވިއްކާލުމަށްފަހު ގައެވެ. އޭރު އޭނާއަށް އުޅެންޖެހުނު ސްޓްރެސް ބޮޑު ދިރިއުޅުމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން އޭނާގެ ހާލަތު ހުރީ ވަރަށް ދަށަށް ވެއްޓިފަ އެވެ.

ފަލަބައްޔާއި ޑިޕްރެޝަންގެ ޝިކާރައަކަށް އޭނާ ވިއެވެ. އެތެރެހަށީގެ ގުނަވަންތައް އަލުން ޒުވާން ކޮށްލައިގެން މުޅި ހަށިގަނޑަށް ބޮޑު އިންގިލާބެއް ގެނައުމުގެ މަސައްކަތް އޭނާ އަޖުމަ ބެލުމުގެ ގޮތުން ފެށީ އެހެންވެ އެވެ.