ހަބަރު

ޗައިނާއިން 5.7 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފި

ޗައިނާގެ ސަރުކާރުގެ ނޭޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަނުން ރާއްޖޭގެ ސިއްހީ ދާއިރާއަށް 5.7 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފިއެވެ.

މިއީ ބްރައިޓް ޖާނީގެ ނަމުގައި ނުވަ ދުވަހުގެ މުއްދަތަށް ހުޅުމާލެ ހޮސްމިޓަލުގައި ކުރިއަށް ގެންދިޔަ އައި ކޭމްޕް ނިންމާލުމަށްފަހު ކޭމްޕްގައި ބޭނުންކުރި އިކުއިޕްމެންޓް ތަކެވެ.

މިއަދު ހުޅުމާލެ ހޮސްޕިޓަލުގައި މި ކޭމްޕް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި މި އިކުއިޕްމެންޓްތައް ޗައިނާ ސަރުކާރުގެ ފަރާތުން ހަވާލުކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންފުކާންގް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ޖެނުއަރީ 17 އިން ފެށިގެން ނުވަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ކޭމްޕްގައި މިހާތަށް 83 މީހެއްގެ ލޮލުގެ ފުސް ކަހާފައިވާ އިރު މިއަދު 17 މީހެއްގެ ލޮލުގެ ފުސް ކަހާނެ އެވެ.

ސާޖަރީ ހެދުމުގައި ހަރަކާތްތެރިވަނީ ޗައިނާގެ ލޮލުގެ ޑޮކްޓަރުންނާއި ނަރުހުންނާއެކު 10 މެމްބަރުންގެ ޓީމަކުންނެވެ. އޮޕަރޭޝަން ކުރުމަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓްތަކާއި މެޝިން ވެސް ގެންނަނީ ޗައިނާ އިންނެވެ.

މި ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސުގެ ހެލްތު ޑިވެލޮޕްމެންޓު ޕްްލޭނިންގް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ ބެލުމުގެ ދަށުންނެވެ.