ރަޝިޔާ

ރަޝިޔާގައި ސްވައިން ފުލޫ ޖެހިގެން 50 މީހުން މަރުވެއްޖެ

ނުރައްކާތެރި ވައިރަހެއް ކަމަށްވާ އެޗްވަންއެންވަން ވައިރަސް އިންޖެހޭ ސްވައިން ފްލޫ ޖެހިގެން ރަޝިޔާއިން 50 މީހުން މަރުވެއްޖެ އެވެ.

އޮފިޝަލުންނާއި ހަވާލާދީ ރަޝިޔާގެ ނޫސްތަކުން ބުނީ ސްވައިން ފްލޫ އެ ގައުމުގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކަމަށާއި އަދި އެންމެ ބާރަށް ފެތުރެމުން އަންނަނީ ސެންޓިޕީޓަސް ބާގްގަ އެވެ.

މި ވައިރަސް އެސިޓީން އެންމެ ފުރަތަމަ ފެނުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން އެ ސިޓީން 30 މީހުން ސްވައިން ފްލޫ ޖެހިގެން މަރުވި ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. ސްވައިން ފްލޫ ހަލުވި މިނުގައި ފެތުރެމުން ދާތީ އެގައުމުގެ ސިއްހީ އިދާރާތަކުން ދަނީ އަނގަމަތީ މާސްކް ބޭނުން ކުރުމަށް އަދި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރުން މަދުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

އަދި މި ބައްޔަކީ ނުރައްކާތެރި، އަވަހަށް ފެތުރޭ، ގައިން ގަޔަށް އަރާ ބައްޔަކަށް ވުމުން ރައްޔިތުން ރައްކާތެރިވެތިބުމަށް އިލްތިމާސްކޮށްފަ އެވެ.

މިބަލި އެންމެ ބޮޑަށް ފެތުރެނީ ޒުވާނުންގެ ތެރޭގަ އެވެ. އަދި 2009 ވަނަ އަހަރު ދުނިޔޭގެ ގިނަ ސަރަހައްދުތަކަށް އެ ފްލޫ ފެތުރުމުގެ ސަބަބުން 20،000 އެއްހާ މީހުންވަނީ މަރުވެފަ އެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނީ 2009 ވަނަ އަހަރު ފަދައިން މުޅި ދުނިޔެއަށް ފެތުރޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.