ކްރިމިނަލް ކޯޓް

ދެ އިލްމުވެރިން އެދިވަޑައިގަތީ ޝަރީއަތް ލައިވްކުރަން

Feb 1, 2023
2

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި އެތަނުގައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ މައްސަލައިގެ ޝަރީއަތްތައް ލައިވްކޮށްދިނުމަށް ދައުވާ ލިބޭ ދެ އިލްމުވެރިން ކަމުގައިވާ ޝައިހް އާދަމް ނިޝާނާއި ޝައިހް ފަޒްލޫން މުހައްމަދު އެދިވަޑައިގެންފި އެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ދައުލަތުން ވަނީ ޝައިހް ނިޝާނާއި ޝައިހް ފަޒްލޫން ހިމެނޭ ގޮތަށް މިދިޔަ އޮކްޓޫބަރު ތިންވަނަ ދުވަހު 19 މީހަކަށް ދައުވާކޮށްފަ އެވެ.

ދެ އިލްމުވެރިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. މިކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް ވަކީލަކާ އެކު ހާޒިރުވެވަޑައިގެން ދެ އިލްމުވެރިންގެ ފަރާތުން ވަކީލް އަލީ ސައީދު އެދިވަޑައިގަތީ ޝަރީއަތް ލައިވް ކޮށްދިނުމަށާއި ލިޔެކިއުންތައް ދިރާސާކުރުމަށް އިތުރު ވަގުތު ދިނުމަށެވެ. ވަކީލް ވިދާޅުވީ ދެ އިލްމުވެރިންގެ ވަކީލެއްގެ ގޮތުގައި އޭނާ ހަވާލުވެވަޑައިގަތީ މިއަދު އެވެ.

ވަކީލުގެ ދެ ހުށަހެޅުއްވުމާ ގުޅިގެން ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މިމައްސަލައިގައި ކުރިއަށް އޮތް މާޗް މަހް ބާއްވާ ދެން ބާއްވާ އަޑުއެހުމެއްގައި ޝަރީއަތް ލައިވްކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވާއިރު ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު ދައުވާއަށް ޖަވާބުދާރީވުމަށާއި ބޭނުންވާ ހެކި ހުށަހެޅުމަށް ތައްޔާރުވެގެން ވަޑައިގަތުމަށް ގާޒީ އެދިވަޑައިގެންނެވި އެވެ.

ޝައިހް ފަޒްލޫނާއި ޝައިހް ނިޝާން ވަނީ އެބޭފުޅުންގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތަށް ތަހުގީގު މަރުހަލާގައި އިންކާރުކުރައްވާފަ އެވެ.

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މި ދެ ބޭފުޅުން މަހަކަށް ވުރެ ގިނަ ދުވަހު ޖަލުގައި ބަންދުކޮށްގެންވެސް ގެންގުޅުނެވެ.