ޑރ. މުހައްމަދު މުއިއްޒު

ސްޓެލްކޯ އިން 68 މިލިއަން ނުދައްކާ އެބައޮތް: މޭޔަރު

Feb 1, 2023

ސްޓެލްކޯ އިން ކުއްޔަށް ނަގާފައިވާ ތަންތަނުގެ ބިމު ކުލީގެ ގޮތުގައި މާލެ ސިޓީ ކައުންސިލަށް ލިބެންޖެހޭ 68.3 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލް އިދާރާ އިން މި މައުލޫމާތު ހާމަކޮށްފައި މިވަނީ ސިޓީ ކައުންސިލުން ކަރަންޓް ބިލަށް ދައްކަންޖެހޭ 20 މިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތް ކަމަށް ބުނެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ބައެއް ތަންތަނުގެ ކަރަންޓް، ސްޓެލްކޯ އިން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަރަންޓް ކަނޑާލާފަ އެވެ.

ކަރަންޓު ކަނޑާލި ތަންތަނުގެ ތެރޭގައި ހިމެނެނީ ސަލްޓަން ޕާކާއި، މާލޭގެ ލޭބާ ކުއާޓަރާއިި، ލޮނު ޒިޔާރަތް ޕާކާއި، ބަދިގެއާއި، ކާނިވާގައި ހުންނަ ގަސް ވިއްކާ ފިހާރައާއި، ވިލިމާލެ ލޭބާ ކުއާޓަރާއި، ވިލިމާލެ ސިޓީ ކައުންސިލް އޮފީހުގެ އިތުރުން ހުޅުމާލެ ސިޓީ ކައުންސިލް އޮފީހެވެ.

މޭޔަރު މުއިއްޒު މިއަދު ވަނީ ސްޓެލްކޯ އިން ސިޓީ ކައުންސިލަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލްތައް ހާމަކުރައްވާފަ އެވެ. އަދި ސިޓީ ކައުންސިލުން ސްޓެލްކޯގެ ކަރަންޓް ބިލަށް ފައިސާ ދެއްކި ގޮތުގެ މައުލޫމާތުތައް ވެސް މުއިއްޒު ހާމަކުރައްވާފައިވެ އެވެ.

މުއިއްޒު ވިދާޅުވީ 2021 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކަރަންޓް ބިލްގެ ގޮތުގައި ސްޓެލްކޯއަށް 10.7 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް ސްޓެލްކޯ އަށް ނުދެއްކި އޮތީ 16.5 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ކަރަންޓް ބިލްތަކަކަށް ފައިސާ ނުދައްކައިގެން ކަރަންޓް ކަނޑާލިއިރު ސްޓެލްކޯ އިން މާލެ ސިޓީ ކައުންސިލްގެ 49 ބިމަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ 68.3 މިލިއަން ރުފިޔާ ނުދައްކާ ކަމަށެވެ.

މޭޔަރު ވިދާޅުވީ ސްޓެލްކޯ އިން ބަންދުކޮށްގެން ގެންގުޅޭ މާލޭގެ ތިން މަގެއް ހުޅުވަން ތަކުރާރުކޮށް އެންގުމުންވެސް މަގުތައް ވެސް މިއަދާ ހަމައަށްވެސް ސްޓެލްކޯ އިން ހުޅުވާލާފައި ނުވާ ކަމަށެވެ.

ސްޓެލްކޯއިން ބަންދުކޮށްފައިވަނީ ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ކޮއްޓާ ދޭތެރޭ އޮންނަ ކަށިމާ ހިނގުމާއި، ސްޓެލްކޯ ޕަވާ ހައުސް ކޮއްޓާއި، ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ކުޑަކުދިންގެ ބަގީޗާއާ ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުމެވެ. އެ މަގުތައް ބަންދުކޮށްފައިވަނީ އާއްމުންނަށް ނުވަދެވޭ ގޮތަކަށެވެ.

ބަންދުކޮށްފައިވާ މަގުތަކުގައި ކުޅިވަރު ކުޅޭ ކޯޓުތަކެއް ހަދައި، އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް އުދަނގޫވާ ގޮތަށް ބަންދުކޮށްފައިވާ މަގުތަކުގައި ޖަނަރޭޓަރުތަކެއް ސްޓެލްކޯ އިން ބަހައްޓާފައިވާ ކަންވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ. ސްޓެލްކޯގެ ޖަނަރޭޓަރުތައް ބަހައްޓަން ހުޅުމާލެ އިން ސްޓެލްކޯ އަށް ބޮޑު ބިމެއް ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ބޮޑުތަކުރުފާނު މަގާއި އަމީނީ މަގާ ދޭތެރޭ ޓްރެފިކް ފްލޯއަށްވެސް ވަރަށް މުހިންމު ތިން މަގެއް ކަމުން މި މަގުތައް ހުޅުވާލުމަށް ކައުންސިލުން ފާސްކޮށް، ތަކުރާރުކޮށް ސްޓެލްކޯގައި ދެންނެވިއްޖެ. ނުވަތަ ޓައިމްޓޭބަލެއް ވިޔަސް ދެ ފަރާތުން މަޝްވަރާކޮށްގެން ކަނޑަ އަޅަންވެސް އެދިފައިވާނެ. އެކަމަށްވެސް އެއްވެސް ޖަވާބެއް ނުދޭ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވާހަކަތަކަށް ސްޓެލްކޯ އިން މިއަދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ބައެއް ކަންކަމުގެ މައުލޫމާތު ސިޓީ ކައުންސިލުން އޮޅުވާލާ ކަމަށްވެސް އެ ކުންފުނިން ތުހުމަތުކުރެ އެވެ.