ރަށުން ބޭރުގައި ރެއާލް ބެޓިސް 2-1 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރަނގަޅު ފޯމެއްގައި އޮތް ބާސެލޯނާ އަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 18 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ރެއާލް މިރޭ ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. ލީގުގައި އެންމެ ފަހުން ރެއާލް ސޮސިއެޑާޑްއާ އަމިއްލަ ދަނޑުގައި ވާދަކޮށް ރެއާލް ވަނީ 0-0 އިން އެއްވަރުވެފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. ބާސެލޯނާގެ ފުރަތަމަ ގޯލު 65 ވަނަ މިނެޓުގައި ޖެހީ ރަފީނިއާ އެވެ. މިއީ 55 މިލިއަން ޕައުންޑަށް ލީޑްސް ޔުނައިޓެޑުން ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ރަފީނިއާ ކުޅުނު 28 މެޗުގައި ޖެހި ފަސް ވަނަ ގޯލެވެ.
މެޗުގައި ރަފީނިއާ ގޯލު ޖެހުމުގެ ކުރިން ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ފޮނުވާލި ތިން ހަމަލާއެއް ބެޓިސްގެ ގޯލްކީޕަރު ރުއި ސިލްވާ ވަނީ މަތަކޮށްފަ އެވެ.
ބާސެލޯނާގެ ދެވަނަ ގޯލު 80 ވަނަ މިނެޓުގައި ޖެހީ ރޮބާޓް ލެވަންޑޯސްކީ އެވެ. 14 ގޯލާ އެކު ލެވަންޑޯސްކީ އޮތީ ސްޕެނިޝް ލީގު ލަނޑު ލިސްޓުގެ އެއްވަނައިގަ އެވެ.
ބެޓިސްގެ ހަމައެކަނި ގޯލަކީ ބާސެލޯނާގެ ރޮނާލްޑް އަރޫހޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗު ނިމުމުން ބެޓިސްގެ މިޑްފީލްޑަރު ވިލިއަމް ކަވާލިއޯ ރެފްރީއާ ޒުވާބުކުރުމުން ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
ރެއާލް އިން އަމިއްލަ ދަނޑުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ އެކެއް ޖަހާއިރު އެވެ.