ލަ ލީގާ

ބާސާ ދަނޑުގައި ލަސް ޕަލްމާސްއަށް 53 އަހަރަށްފަހު ބޮޑު މޮޅެއް

ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ލަސް ޕަލްމާސް އަތުން 2-1 އިން ބަލިވެއްޖެ އެވެ.

މިއީ 1971 ވަނަ އަހަރުގެ ފަހުން ބާސެލޯނާ ދަނޑުގައި ލަސް ޕަލްމާސް އިން ހޯދި ފުރަތަމަ މޮޅެވެ. އެހެންކަމުން މިއީ 53 އަހަރު ތެރޭ ބާސެލޯނާ ދަނޑުގައި އެ ޓީމުގެ މައްޗަށް ލަސް ޕަލްމާސް އިން ކުރިހޯދި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ނަތީޖާއާ އެކު، ލީގުގެ އެއްވަނައިގައި ބާސެލޯނާ މި ވަގުތު އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާސެލޯނާ އަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 13 މެޗުން ވަނީ 30 ޕޮއިންޓް ލިބިފަ އެވެ.

ރެއާލުން މެޗު ހަމަކުރާއިރު ބާކީ އޮތް ދެ މެޗުން މޮޅުވެއްޖެނަމަ، ލީގުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަށްވެސް ލަނޑެއް ނުޖެހި ނިމުނެވެ. އެހެންނަމަވެސް ދެވަނަ ހާފު ފެށިގެން ހަތަރު މިނިޓް ތެރޭ ލަސް ޕަލްމާސް އިން ލީޑު ނެގި އެވެ. އެ ޓީމުގެ ލަނޑު ނެގީ ސަންޑްރޯ ރަމިރޭޒް އެވެ. ނަތީޖާ ހަމަހަމަކުރަން ބާސެލޯނާ އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 61 ވަނަ މިނިޓް ގައެވެ. މި ލަނޑު ޖެހީ ލަސް ޕަލްމާސް އަށް ކުރިން ކުޅުނު ޕެޑްރީ ދިން ބޯޅައަކުން މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަފީނިއާ އެވެ.

މިރޭގެ މެޗުގެ ނަތީޖާއަކީ ބާސެލޯނާ އަށް ލިބުނު ބޮޑު ލަދެކެވެ. އަދި ލީގުގެ ޗެމްޕިއަން ކަމަށް ވާދަކުރާ ރެއާލް މެޑްރިޑަށް ލިބުނު ބޮޑު ފުރުސަތެކެވެ.

ލަސް ޕަލްމާސް އިން ހިތްވަރު އެލުވައި ނުލައި ރަނގަޅަށް ކުޅެ މެޗުން މޮޅުވި ގޯލު ޖެހީ، ބާސެލޯނާ އިން އެއްވަރު ކުރިތާ 8 މިނިޓް ފަހުންނެވެ. މި ލަނޑު ޖެހީ ފަބިއޯ ސިލްވާ އެވެ.