ލަ ލީގާ

ބާސާ ބަލިވި މެޗުގައި ވީއޭއާރްއަށް ބޮޑެތި ފާޑުކިޔުންތަކެއް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗުގައި 1-0 އިން ބާސާ ބަލިވުމުން ވީއޭއާރް ސިސްޓަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ބާސެލޯނާ ބަލިވި ނަމަވެސް އެ ޓީމު އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑަކާ އެކުގަ އެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ރެއާލް ސޮސިއެޑާޑްގެ ޝެރަލްޑޯ ބެކާ ޖެހި ލަނޑަކީ މި މެޗުގައި ފެނުނު ހަމައެކަނި ލަނޑެވެ. އަނިޔާގެ ސަބަބުން ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް މި މެޗުގައި ނުކުޅެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ލެވަންޑޯސްކީ ޖެހި ލަނޑު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމުމާ ގުޅިގެން، ވީއޭއާރް އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

މެޗުގެ ދެވަނަ ހާފުގައި ކޯޗު ހެންސީ ފްލިކް ވަނީ ފްރެންކީ ޑެޖޮންގްގެ ބަދަލުގައި ޑެނީ އޮލްމޯ ކުޅެން އަރުވާފަ އެވެ. ނަމަވެސް ބާސެލޯނާއަށް މުޅި މެޗުގައިވެސް ރެއާލް ސޮސިއެޑާޑްގެ ގޯލަށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ.

މި މެޗާއެކު، ދެވަނައިގައިވާ ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެ 27 ޕޮއިންޓު ލިބިފައިވާއިރު، ބާސެލޯނާ ވަނީ 33 ޕޮއިންޓާއެކު އެއްވަނައިގަ އެވެ.

ހަމަ މި ދުވަހު ކުޅުނު އެހެން މެޗުތަކުގައި އެތްލެޓިކޯ މެޑްރިޑް ވަނީ މަޔޯކާއާ ދެކޮޅަށް 1-0 އިން ކާމިޔާބު ހޯދާފަ އެވެ. އަދި ސެލްޓަވީގޯ އާއި ރެއާލް ބެޓިސް ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.