ގދ. ތިނަދޫ

ތިނަދޫ ހޮސްޕިޓަލަށް ކަރަންޓްދޭން އުރީދޫގެ ބެކަޕް ޖަނަރޭޓަރު

ގދ. ތިނަދޫ އިންޖީނު ގޭގައި ރޯވެ، މުޅިން ރަށުން ކަރަންޓު ކެނޑިފައިވުމުން އެރަށު ހޮސްޕިޓަލަށް ކަރަންޓު ފޯރުކޮށްދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފިއެވެ.

އިންޖީނު ގޭގައި ރޯވެ އިންޖީނުތައް ބޭނުން ނުކުރޭ ވަރަށް ހަލާކުވެފައިވާއިރު ތިނަދޫ އުރީދޫ ސައިޓް އޮފީހުގައި ހުރި ބެކަޕް ޖެނަރޭޓަރެއް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އުރީދޫއިން ވަނީ ފަށާފައެވެ. އުރީދޫއިން ބުނާގޮތުން ޖަނަރޭޓަރު ހޮސްޕިޓަލަށް ގެންދެވެމުން ހޮސްޕިޓަލަށް ކަރަންޓު ފޯރުކޮށްދެވޭނެ އެވެ.

އުރީދޫއިން ވަނީ ސްޓޭޝަންތަކެއް ގާއިމުކޮށް ތިނަދޫ ރައްޔިތުންގެ ފޯނުތައް ޗާޖްކުރެވޭނެ ގޮތް ވެސް ހަދައިދީފައެވެ. މިކަން ދިރާގުން ވެސް ދަނީ ކުރަމުންނެވެ. އުރީދޫ އިން ތިނަދޫ ރައްޔިތުންނަށް މޯލްޑިވްސް ރެޑް ކްރެސެންޓް އިން ފޯރުކޮށްދިނުމަށް ބޭނުންވާ ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މައުލޫމާތުތައް އުރީދޫގެ ބަލްކް އެސްއެމްއެސް ހިދުމަތް މެދުވެރިކޮށް ފޯރުކޮށްދެމުންދާކަން ވެސް ފާހަގަކޮށްލެ އެވެ.

އުރީދޫއާ ވާދަވެރި ދިރާގުން ވަނީ 75 ކިލޯވޯޓްގެ ޖަނަރޭޓަރެއް ތިނަދޫއަށް ހަދިޔާކޮށްފަ އެވެ. ދިރާގުގެ މުވައްޒަފުން ދަނީ ތިނަދޫގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ގޭބިސީތަކަށް ފެން ފުޅިތައް ބެހުމުގެ މަސައްކަތް ތިނަދޫގައި ތިބި ދިރާގުގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

ލ. ގާދޫ އާއި ގއ. ވިލިނގިލި އަދި މާމެންދޫ އިން ވެސް ތިނަދޫއަށް ވަނީ ޖަނަރޭޓަރު ގެންގޮސްފަ އެވެ. އަދި މާލޭ ސްޓެލްކޯގައި ހުރި އެއް މަގަވޯޓްގެ ޖަނަރޭޓަރެއް ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. އެ ޖަނަރޭޓަރު ތިނަދޫއަށް ގެންދެވޭނީ މާދަމާ ފަތިހު އެވެ.