ގދ. ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފައިވީ ނަމަވެސް ކޮންޓްރެކްޓް އެއްބަސްވުމުގައި ސޮއިކުރާނީ ކުންފުނީގެ ފަންނީ އަދި މާލީ ގާބިލުކަން ކަށަވަރުކުރުމަށްފަހު ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގދ. ތިނަދޫގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ތައިލެންޑްގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެކު މިމަހުގެ 20 ވަނަ ދުވަހު ސޮއިކުރެވުނު އެމްޔޯޔޫއަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށްގެން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
މި މަޝްރޫއުގައި ހިމެނުމަށް ޕޭން ޕެސިފިކް ކޮމްޕެނީން ހުށަހަޅައިފައިވަނީ ހަތަރު ކިލޯމީޓަރު ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕަސަންޖާ ޓާމިނަލް އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހައި ވަސީލަތްތައް ގާއިމުކުރުމެވެ. މީގެ އިތުރުން މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާއި އަދި ފްލައިން ސްކޫލެއް ތަރައްގީކުރުމަށް ހުށަހަޅާފައިވެ އެވެ.
"މި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއި ކުރެވޭނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރުކުރުމަށްފަހު ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން،" އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ ޕޭން ޕެސިފިކް ކުންފުނީގެ ގާބިލުކަމާމެދު ބައެއް މީހުން ސުވާލު އުފައްދަމުން ދަނިކޮށެވެ.