ގއ. ވިލިނގިލި

ގއ. ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު ބްރުޖު ހަލީފާ ހެދި ކުންފުންޏާ

ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރަކާއެކު ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން ދުބާއީގެ ބްރުޖު ހަލީފާ ހެދި ކުންފުނި -- ބެލްޖިއަމްގެ އެން.ވީ ބިސިކްސް އެސް.އޭ އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގަ އެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ސާވް ޑޮލްމަންސް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު އެއާޕޯޓް މަޝްރޫއު ނިމޭއިރު 3،400 މީޓަރުގެ ރަންވޭއެއް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

"(މަޝްރޫއު) ނިންމާލާއިރު ހެލިޕޯޓެއް އޮންނާނެ، މެރީނާއެއް އޮންނާނެ 17 ރިސޯޓް އޮންނާނެ. އެހެންވީމަ 5،000 ބެޑްގެ ޕްރޮޖެކްޓެއް މިއަދު މި ފަށްޓަނީ 800 މިލިއަން ޑޮލަރުގެ،" ޖަނާހު ވިދާޅުވި އެވެ.

ޖަނާހު އިތުރަށް ވިދާޅުވީ މަޝްރޫއު ކުރިއަށް ގެންދާ ކުންފުންޏަކީ އެ މަޝްރޫއު ހިންގޭނެ ފެންވަރުގެ ކުންފުންޏެއް ކަމަށެވެ.

"ބީސިކްސް ކުންފުންޏަކީ ދުނިޔޭގެ 44 ވަނައަށް އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި. މިދިޔަ އަހަރު އެ ކުންފުނީގެ ޓާންއޯވާއަކީ 3.6 ބިލިއަން ޔޫއެސް ޑޮލަރު. އެމީހުންގެ މިދިޔަ އަހަރުގެ ފައިދާއަކީ 300 މިލިއަން ޑޮލަރު،" ޖަނާހު ވިދާޅުވި އެވެ.