ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގއ. ވިލިނގިއްޔަށް ވަޑައިގަންނަވާ ދުވަހަކީ އެ ރަށުގެ ރައްޔިތުން ރުޅިގަދަވާނެ ދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދިނުމަށް ގޮވާލާ ސައުދު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި އޭނާ ވިދާޅުވީ މަސްވެރިންނާ ދޭތެރޭ އިހާނެތިކޮށް ހިތަމުންދާ ކަމަށެވެ.
މަސްވެރިން ބާނާ މަހަށް ފައިސާ ނުދޭއިރު ބާޒާރަށް ނެރެން ތައްޔާރުކޮށްފައި ހުރި މަސްދަޅުތަކެއް ޕީޕީއެމްގެ ކެންޑިޑޭޓުންނަށް މިފަހުން ބަހާލާފައިވާ ކަމަށް ސައުދު ތުހުމަތު ކުރެއްވި އެވެ.
އެގޮތުން މަސްވެރިން ބާނާ މަސް މިފްކޯގެ ސްޓާފުން ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެން ތައްޔާރުކޮށްފައި ހުއްޓާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ބަހާ ހުސްކޮށްލާފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ.
"މަސްވެރިޔާ ބޭނި މަސް އެއްކަލަ (މިފްކޯގެ) ސްޓާފް ބުރަ މަސައްކަތުން އޭތި ދަޅަށް އަޅާފައި އޭގެން އާމްދަނީ ލިބެން ރެޑީކޮށްފަ އޮއްވަ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ބަހާލީ،" ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ރަށްރަށުގެ އިގުތިސާދުގެ މައިބަދައަކީ މަސްވެރިންގެ އާމްދަނީ ކަމަށާއި އެ މައިބަދަ މިއަދު ހުއްޓިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ އެންމެ ބޮޑު އަސަރެއް ކުރާ އެއް ރަށަކީ ވިލިނގިއްޔެވެ.
"ވިލިނގިލީ ރައްޔިތުން އަދި ރުޅި ގަދަވާނެ. މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިލިނގިއްޔަށް ދާ ދުވަހު ރުޅިގަދަވާނެ،" ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ މަސްވެރިން ރުޅި މަޑުކަމަށާއި މަސްވެރިންގެ އަޑަކީ ބާރުގަދަ އަޑެއް ކަމަށެވެ.