ގދ. ތިނަދޫ

ތިނަދޫ ސިޓީ ކައުންސިލަކަށް ބަދަލުވުމުން މެންބަރުން ހުވާކޮށްފި

ގދ. ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވުމާ ގުޅިގެން އެ ކައުންސިލްގެ މެންބަރުން އާ މަގާމުތަކުގެ ހުވާކުރައްވައިފި އެވެ.

ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި މެންބަރުން ހުވާ ކުރެއްވީ ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސިޓީ ކައުންސިލުގެ މެންބަރުންނަށް ހުވާ ލައިދެއްވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ނަޝާތަތު ޒައީމެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބުނުފަހުން ގާނޫނަށް ގެނައި އިސްލާހާއެކު އެ ރަށު ކައުންސިލް ސިޓީ ކައުންސިލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދައުރު ހަމަނުވަނީސް ރަށަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ އެ ރަށު ކައުންސިލެއް ސިޓީ ކައުންސިލަކަށް ބަދަލުވާނެ އެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ސައުދު އަލީގެ މަގާމު ވަނީ އެ ސިޓީގެ މޭޔަރަށް ބަދަލުވެފަ އެވެ. އަދި ނައިބު ރައީސަކަށް ހުންނެވި ނަސްރުﷲ އަލީގެ މަގާމު ވަނީ ޑެޕިއުޓީ މޭޔަރަށް ބަދަލުވެފަ އެވެ.