ގދ. ތިނަދޫ

ތިނަދޫ ބައިނަލްއަގްވާމީ އެއާޕޯޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ގދ. ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއާޕޯޓަކީ ދިވެހި ދައުލަތުން ހަރަދުކުރަން ނުޖެހޭ ގޮތަށް ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް އިން ހަދައިދޭ އެއާޕޯޓެކެވެ.

ތިނަދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް އެވެ. ޕޭން ޕެސިފިކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މރ. ޖިރާޓް ޕެތްނުންތަވޮންގއެވެ.

ތިނަދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތިނަދޫގެ އެއާޕޯޓަކީ ދުނިޔޭގައި ދުއްވާ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ގޮތަށް ހަތަރު ކިލޯމީޓަރުގެ ރަންވޭ އަކާއި އެކު ހަދާ އެއާޕޯޓެއް ކަމަށެވެ. އެއާޕޯޓުގެ ޓާމިނަލަކީ "އޯވާ ވޯޓާ ޓާމިނަލެއް" ހިމެނޭ މުޅި ދުނިޔޭގައިވެސް ފާހަގަކުރެވޭ ތަފާތު ޑިޒައިނަކަށް ހަދާ އެއާޕޯޓަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް މިމަޝްރޫއު ގިނަވެގެން ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެކަން،" ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ގދ. އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް ވަރަށް މުހިއްމު ކަމަށެވެ. ސަބަބަކީ ހުވަދު އަތޮޅަކީ މާލެ އާއި ދުރުގައި އޮތް އަތޮޅަކަށްވުމުން ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ފަތުރުވެރިކަން ހުވަދު އަތޮޅުގައި އިތުރަށް ފުޅާކުރުމަށް ބޭނުންވާތީ ކަމަށްވެސް ވިދާޅުވި އެވެ.

"އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅިގެން ދިއުމަކީ މި އަތޮޅު ވަރަށް ބޮޑަށް ތަރައްގީވެގެން ދާނެ ކަމެއް ކަމާމެދު ޝައްކެއްވެސް ނެތް،" މުއްތަލިބް ވިދާޅުވި އެވެ.

ތިނަދޫ އެއާޕޯޓާ އެކު ކުރިއަށްދާ މަސައްކަތްތައް

  • ދުނިޔޭގެ އެންމެ ބޮޑު އޯވަވޯޓަ އިންޓަނޭޝަނަލް / ޑޮމެސްޓިކް ޓާމިނަލް
  • އެއާ އެމްބިއުލާންސްގެ ހިދުމަތް
  • ޕްރިމިއާ ފްލައިން ސްކޫލް
  • 12 ރަށް ހުރަސްކޮށް 4 ތަރި އާއި 7 ތަރީގެ ރިސޯޓްތަކެއް
  • ލަގްޒަރީ ޔޮޓް މެރީނާ އަދި ފެރީ ޓާމިނަލް ހަބް
  • އެކްސްކްލޫސިވް ސީޕްލޭން / ވީއައިޕީ / ޕްރައިވެޓް ޖެޓް ޓާމިނަލް
  • ޑައިވަރުންނާއި ދިވެހި މަސްވެރިންނަށް ޑިކޮމްޕްރެޝަން އިމަޖެންސީ ޔުނިޓް
  • ޒަމާނީ ވަސީލަތްތަކާއި އެކު އިމަޖެންސީ ރެސްޕޮންސް އަދި ސޭފްޓީ ސްޓޭޝަން
  • ޑިއުޓީ ފްރީ ބޫޓިކްސް

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓާ އެކު ގދ. އަތޮޅުގައި ވަކިން ހާއްސަަކޮށް ތިނަދޫ ކައިރީގައި ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށްވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއެއާޕޯޓާ އެކު ޕްރިމިއާ ފްލައިން ސްކޫލާއި، އެމްއާރްއޯ އަދި ކާގޯ ބްލިންއަކާއި، ފިއުލް ފާމް، ސީޕްލޭން ޓާމިނަލްއާއެކު ފެރީ ޓާމިނަލް ހަބެއް ތަރައްގީކުރުންވެސް ހިމެނެ އެވެ. އަދި ޑީކޮމްޕްރެޝަން ޗެމްބާއެއް ހެދުމާއި އެއާ އެމްބިއުލާންސް ހިދުމަތް ދެވޭނެ ގޮތް ހެދުންވެސް ހިމެނެ އެވެ.