ބޮލީވުޑް

ސިދާރްތު އާއި ކިއާރާގެ ކައިވެނި ފެބްރުއަރީ ހަތެއްގައި

ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށިގެން ކުރިޔަށް އެބަދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

މި ކައިވެނި އޮންނާނީ ޖެއިސަލްމާރްގެ ސޫރިޔާގަރް ޕެލަސްގައި ފެބްރުއަރީ ހަތްވަނަ ދުވަހު ކަމަށް ޚަބަރުތައް ބުނެ އެވެ.

މިހާރުއްސުރެ ޕަޕަރާޒީން ވަނީ މި ކައިވެނީގެ ޚަބަރުތައް ކަވަރުކުރުމަށްޓަކައި ޖެއިސަލްމާރަށް ދަތުރުކުރަން ފަށާފަ އެވެ.

އީޓައިމްސް އިން ބުނެފައިވާ ގޮތުގައި ކިއާރާ އާއި ސިދާރްތުގެ ކައިވެނީގެ ރަސްމިއްޔާތުތައް ފަށަން ހަމަޖެހިފައިވަނީ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ. ފުރަތަމަ އޮންނާނީ ހީނާފަތް އެޅުމާއި ރީނދޫ ހޭކުމުގެ ރަސްމިއްޔާތުތަކެވެ. ސަންގީތު (ލަވަ ޕާޓީ) އޮންނާނީ ފެބްރުއަރީ ހައެއްގައެވެ. އަދި ކައިވެނިކުރަން ހަމަޖެހިފައިވަނީ ފެބްރުއަރީ ހަތެއްގަ އެވެ.

މި ކައިވެންޏަށް ދައުވަތު ދީފައިވަނީ ބޮލީވުޑް ފަންނާނުންގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރް، ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާ އަދި އެކްޓަރު ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ކަޕޫރު ހިމެނެ އެވެ.

ސިދާރްތު އާއި ކިއާރާގެ ކައިވެނީގެ ހެދުންތައް ތައްޔާރުކޮށްދެނީ މަނީޝް މަލްހޯތުރާ އެވެ. އަދި ދާދިފަހުން ކިއާރާ ވަނީ މަނީޝްގެ ގެޔަށް ގޮސް އެންމެ ފަހު ފަހަރު ހެދުންތައް ހެޔޮވަރުކޮށްފަ އެވެ.

ކިއާރާ އާއި ސިދާރްތުގެ ކައިވެނީގެ ކަންކަން ކުރިއަށް ދިޔަ ނަމަވެސް މި މީހުން ކައިވެނިކުރަން އުޅޭކަން ރަސްމީކޮށް ދެ ތަރިން އިއުލާން ކޮށްފައެއް ނުވެ އެވެ. އެކަމަކު މިއީ ބޮލީވުޑްގެ ހުރިހާ އެކްޓަރުން ވެސް ކަން ކުރާ ގޮތް ކަމަށް ވާތީ މިކަމާ ހައިރާން ނުވާ ކަމަށް ނޫސްތަކުން ބުނެފައި ވެއެވެ.

ރަންބީރު ކަޕޫރާއި އާލިއާ ބަޓް، ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލް އަދި އަނުޝްކާ ޝަރުމާ އާއި ވިރާޓު ކޯލީ ވެސް ކައިވެނިކުރީ އެކަން ދުރާލާ އިއުލާން ނުކޮށެވެ.

ކައިވެނި ކުރުމަށްފަހު އެ ރަސްމިއްޔާތު އޮންނަ ތަނުން ބޭރަށް ނުކުމެ ފޮޓޯ ނަގައި އެ ފޮޓޯ ސޯޝަލް މީޑީއާގައި ޕޯސްޓްކޮށް ކައިވެނި އިއުލާން ކުރުމަކީ މި އެންމެންވެސް ކަންކޮށްފައިވާ ގޮތެވެ. ބެލެވޭ ގޮތުގައި ކިއާރާ އާއި ސިދާރްތު ވެސް އަމަލުކުރާނީ ހަމަ އެގޮތަށެވެ.

ކިއާރާ އާއި ސިދާރްތުގެ ގުޅުން ލޯތްބަށް ބަދަލުވީ ދެ ތަރިން އެކުގައި ކުޅުނު "ޝޭރްޝާހް"ގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްތަކުގަ އެވެ. އިއްތިފާގުން ފިލްމު ވީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމަށެވެ. އެއާއެކު ދެ މީހުންގެ ލޯބީގެ ގުޅުންވެސް އިތުރަށް ބަދަހިވެގެން ދިޔަ އެވެ.

ސިދާރްތު އެންމެ ފަހުން ކުޅެފައިވަނީވަނީ "މިޝަން މަޖްނޫ" އެވެ. ސައުތު އިންޑިއާގެ ބަތަލާ ރަޝްމިކާ މަންދާނާއާ އެކު އޭނާ ކުޅުނު މި ފިލްމު ރިލީޒްކުރީ ނެޓްފްލިކްސް ގައެވެ.