ދިރާގު

"ސެއިލިން އެރައުންޑް މޯލްޑިވްސް" ގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

ސެއިލިންގ އެރައުންޑް މޯލްޑިވްސްގެ ނަމުގައި ރިޔާނެގި ކެޓަމަރާންއެއްގައި ރާއްޖެ ވަށައި ކުރާ ދަތުރުގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަ މާކެޓިންގ އަހުމަދު މައުމޫނާއި، މެނޭޖާ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕީއާރް މުހަންމަދު މިރްޝާން ހަސަނެވެ. އަދި މިހަރަކާތް އިންތިޒާމްކުރާ އެޓޯލް ސެއިލާ ގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިކަންދަރު ނަސްރުﷲ ކަމާލުއްދީނާއި އަބްދުލްޢަފޫރު އަލީ (ގައްބެ) އެވެ.

މި ދަތުރަކީ 23 ދުވަހުގެ ތެރޭގައި ރިޔާނެގި ކެޓަމަރާންއެއްގައި ރާއްޖެވަށައި ބުރެއް ޖެހުމަށް ކުރާ ދަތުރެކެވެ. މި ބުރުޖެހުމުގައި ހަރަކާތްތެރިވާނީ މޫދުގެ އެކި ކުޅިވަރުތަކުގައި ބައިނަލްއަޤްވާމީ ގިނަ މުބާރާތް ތަކެއްގައި ބައިވެރިވެ، ތަފާތު ވަނަތަކެއް ހޯދާފައިވާ ގައްބެ އެވެ.

އެޓޯލް ސެއިލާ އިން ބުނީ މިހަރާކާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުވެ، މޫދުގެ ކުޅިވަރުތަކަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެކަމަށެވެ. އަދި މި ހަރަކާތުގައި ފަތުރުވެރިކަން އިސްތިހާރުކުރުމުގެ އިތުރަށް، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާއި ތިމާވެށި ހިމާޔަތް ކުރުމުގެ ތަފާތު މެސެޖްތައް ޕްރޮމޯޓްކުރާނެކަމަށްވެސް އެޓޯލް ސެއިލާ އިން ބުންޏެވެ.

އެޓޯލް ސެއިލަ އިން ބުނީ މި ދަތުރަކީ އޮޔާއި ވައި ހުންނަ ގޮތުން މަހެއްހާ ދުވަހަށް ދެމިގެން ހިނގައިދާނެ ދަތުރެއް ކަމަށާއި، ދިރާގުގެ ވެސެލް ޓްރެކިން ސިސްޓަމް ހަރުކުރެވިފައި ހުންނާނެއެވެ. އަދި އޭގެ އިތުރުންވެސް ގައްބެއާއި އެކީގައި މީޑިޔާއާއެކު އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެ ކްރޫ އެއް ދަތުރުކުރާނެއެވެ.

މި ހަރަކާތާއި ގުޅޭ ގޮތުން މައުމޫން ވިދާޅުވީ، ރާއްޖޭގައި މުޅިން އަލަށް ކުރެވޭ މިފަދަ ކަމެއްގައި ބައިވެރިވުމަކީ ދިރާގަށް ލިބިގެންދާ ވަރަށްބޮޑު އުފަލެއް ކަމަށާއި އަބްދުލް ޢަފޫރު ފަދަ މިފަދަ ކުޅިވަރުތަކުގައި ފާހަގަކުރެވިފައިވާ އެތްލީޓަކު ރާއްޖޭގައި މިކަހަލަ ކަމަކާއި ކުރިމަތިލާ ކާމިޔާބު ވުމަށް އުންމީދު ކުރާ ކަމަށެވެ.

އަދި ދިރާގުގެ ސެޓެލައިޓް ޓްރެކިންގ ޑިވައިސް އާއި ސެޓެލައިޓްފޯނުގެ އިތުރުން އިންޓަނެޓްގެ ހިދުމަތް ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ގައްބެއަށް ލިބިގެންދާނެ ކަމަށާއި މި ޑިވައިސްތަކުގެ އެހީގައި ގައްބެ ދަތުރު ކުރާ ރާސްތާ ބެލުންތެރިންނަށް ވަގުތުން ފެނިލުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަން މައުމޫންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.