ދިރާގު

އެތުލެޓިކްސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Feb 4, 2023

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އޭއޭއެމް)ގެ މިއަހަރުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންއަކީ ރާއްޖޭގެ ޓްރެކް އެންޑް ފީލްޑް، ރޯޑް ރޭސް އަދި ރޭސް ވޯކިންގެ އެކި ހަރަކާތްތައް ބަލަހައްޓާ ހިންގާ އިދާރާއެވެ. މި ޕާޓްނަޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ކުޅިވަރު ކުރިއެރުވުމަށާއި ކުޅިވަރުގެ އެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޕާޓްނަޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާ ޖީލެއްގެ އެތުލީޓުން އުފެއްދުމަށް އޭ.އޭ.އެމްއަށް މަގުފަހިކޮށް އެހީވެދިނުން." މިރްޝާން ވިދާޅުވި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަޤިމް ވިދާޅުވި ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ ދިރާގާއެކު އެތުލެޓިކްސް އިތުރަށް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.