ބޮލީވުޑް

ކިއާރާ ޅީދަރިއަކަށް ވާތީ ވަރަށް އުފާވެއްޖެ: ސިދާރްތުގެ މަންމަ

"ޝޭރްޝާހް"ގެ ދެ ތަރިން ކަމަށްވާ ކިއާރާ އަދުވާނީ އާއި ސިދާރްތު މަލްހޯތުރާގެ ކައިވެނީގެ ރަސްމިއްޔާތުގައި ރާޖަސްތާނުގެ ޖެއިސަލްމާރްގައި ފެށިގެން ކުރިއަށް އެބަދެ އެވެ. ސިދާރްތު އާއި ކިއާރާ ވެސް މިހާރު ވަނީ އެމީހުންގެ އާއިލާގެ ގިނަ އަދަދެއްގެ މީހުންނާއެކު ޖެއިސަލްމާރް އަށް ގޮއްސަ އެވެ. އަދި ބޮލީވުޑްގައި ތިބި އެމީހުންގެ ގާތް އެކުވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވެސް މިހާރު ދަނީ އެ ރަށަށް ދަތުރު ކުރަމުންނެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ކައިވެނީގެ ރަސްމިއްޔާތުތައް މިހާރު ވަނީ ފެށިފަ އެވެ. ހީނާފަތް އެޅުމާއި ރީނދޫ ހޭކުމުގެ ރަސްމިއްޔާތުތައް އަދި ލަވަ ޕާޓީ (ސަންގީތު) ރެއާއި މިއަދު އަދި މިރޭ ކުރިޔަށް ދާއިރު ކައިވެނި ކުރަން ހަމަޖެހިފައިވަނީ މާދަމާ އެވެ.

އެހެނިހެން ފިލްމީ ތަރިން ކައިވެނިކޮށްފައި ކަންތައް ކޮށްފައިވާ ގޮތަށް ސިދާރްތު އާއި ކިއާރާ ވެސް ކައިވެންޏަށްފަހު ބޭރަށް ނުކުމެ ފޮޓޯގްރާފަރުންނަށް އެމީހުން ކައިވެނީގެ ހެދުމުގައި ތިއްބާ ފޮޓޯ ނެގުމުގެ ފުރުސަތު ދޭނެ އެވެ. އަދި އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ރަސްމީކޮށް ކައިވެނިކުރިކަން އިއުލާން ކުރާނެ އެވެ.

އޭގެ ކުރިން ކައިވެންޏާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ސިދާރްތު އާއި ކިއާރާ ތައްޔާރެއް ނޫނެވެ. ނޫސްވެރިން ސުވާލު ކުރިޔަސް ބޯ ޖަހާލާފައި އެމީހުން އެއްޗެކޭ ނުބުނެ ދަނީ އެވެ. ނަމަވެސް ޖެއިސަލްމާރް އެއާޕޯޓަށް ސިދާރްތުގެ މަންމަ އާއި ބޭބޭ ފޭބި ތަނުން ނޫސްވެރިން ސިދާރްތުގެ މަންމަ އާ ސުވާލު ކުރުމުން ކައިވެނި ކުރަން އުޅޭކަން އޭނާ ވަނީ ޔަގީން ކޮށްދީފަ އެވެ.

އޭނާގެ ޅީދަރިއަކަށް ކިއާރާ ވާތީ ކުރެވެނީ ކޮން ކަހަލަ އިހްސާސްތަކެއްތޯ ނޫސްވެރިއަކު ސިދާރްތުގެ މަންމަ އާ ސުވާލުކުރުމުން އޭނާ ބުނީ ވަރަށް އުފަލުން ހުރި ކަމަށެވެ.