ހަބަރު

އެނބުރި ވަޑައިނުގަންނަވާނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި!

Jan 27, 2016
3
  • ނަޝީދު ވިދާޅުވަނީ އެއްވެސް ކަމެއް އަދި ނުނިމޭކަމަށް
  • ރައީސްކަމަށް ވާދަކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި
  • އޮޕަރޭޝަން ކުރައްވާނެ ކަމަކަށް ވިދާޅެއް ނުވޭ

މައިބަދައިގެ އާލާސްކަންފުޅަކާ ގުޅިގެން، ސަރުކާރުގެ ހުއްދައާ އެކު 13 އަހަރުގެ ޖަލު ހުކުމް މެދުކަނޑާލެއްވުމަށް ފަހު އޮޕަރޭޝަނެއް ކުރެއްވުމަށް ލަންޑަނަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ އެނބުރި ވަޑައިނުގެންފާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.

އެ މަނިކުފާނު މިފަދަ އިޝާރާތެއް ކުރެއްވީ ސީއެންއެންގެ ކްރިސްޓިއާން އަމަންޕޫރަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. ބޭސްފަރުވާ އަށް ލިބިވަޑައިގެންފައިވާ 30 ދުވަހުގެ މުހުލަތު ހަމަވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެތޯ ސުވާލުކުރެއްވުމުން ނަޝީދު ވިދާޅުވީ ބޭނުންފުޅު ވަނީ "މިނިވަން ދިވެހި ރާއްޖެއަކަށް" އެނބުރި ވަޑައިގަތުމަށް ކަމަށެވެ.

"ދެން ހަދާނެ ގޮތަކާ ބެހޭ ގޮތުން އަޅުގަނޑު މި ގެންދަނީ އަޅުގަނޑުގެ ލޯޔަރުންނާ މަޝްވަރާކުރަމުން. އަސްލު ހަގީގަތުގައި އަޅުގަނޑު އެނބުރި ދާން ބޭނުން ވަނީ ފުރިހަމަ މިނިވަންކަން އޮތް ދިވެހި ރާއްޖެއަކަށް. ސިޔާސީ ސުލްހަވެރި ހަރަކާތްތައް ވެސް ހިންގޭ ރާއްޖެއަކަށް،" މިނިވަންކަން ނެތް އަދި ސިޔާސީ ހަރަކާތަށް ވެސް ފުރުސަތު ނެތް ރާއްޖެއެއް ސިފަކުރައްވާ ފަދަ ރާގެއްގައި ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވި އެވެ.

މި އިންޓަވިއުގައި ނަޝީދު ވަނީ ކުރިއަށް އޮތް ރިއާސީ އިންތިހާބަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ވެސް ހާމަކުރައްވައިފަ އެވެ. އެގޮތުން އަނެއްކާވެސް ރައީސް ކަމަށް ކުރިމަތިލައްވަފާނަންތޯ ސުވާލުކުރެއްވުމުން ނަޝީދު ވިދާޅުވީ އެއީ ވެސް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަނެއްކާވެސް ރައީސް ކަމަށް އަންނަން މަސައްކަތްކުރަން ޖެހޭހެން. ކުރިއަށް އޮތް އިންތިޚާބަށް ވެސް ނުކުންނަން ޖެހޭހެން. ސަބަބަކީ މިކަން އަދި ނުއެއް ނިމޭ. ހުރިހާ ކަމެއް މި ފެންނަނީ އޭގެ އެއްބަޔަށް ފިހި ނިމިފައިވާތަން،" ވަކީލު، އަމާލް ކްލޫނީ ވެސް ބައިވެރިވެ ވަޑައިގެންނެވި އިންޓަވިއުގައި ނަޝީދު ވިދާޅުވި އެވެ.

އެއަށް ފަހު ސަމާސާ ރާގެއްގައި ދެން ވިދާޅުވީ މިހެންނެވެ.

"އެކަމަކު އޭގެ ބަދަލުގައި އިށީނދެ އިނދެ (އެއްޗެއް) ކިޔުން ނުވަތަ ފިލްމެއް ބެލުން ވެސް މާ ރަނގަޅުވާނެހެން. އެކަމަކު އަޅުގަނޑަށް ހީވަނީ ވަރަށް ބައިވަރު ކަންތައް އަދި ކުރަން އެބަޖެހޭހެން."

އަމަންޕޫރުވަނީ ނަޝީދުގެ އާލާސްކަންފުޅާ ގުޅޭ ގޮތުން ވެސް ސުވާލުކުރައްވައިފަ އެވެ.

ލަންޑަނަށް ވަޑައިގެންނެވި އަސްލު ސަބަބާ އެއްގޮތަށް އޮޕަރޭޝަން ކުރައްވާނެތޯ ސުވާލުކު ދެންނެވުމުން ނަޝީދު ވިދާޅުވީ ޖަލުގައި މީގެ ކުރިން އަނިޔާ ލިބިވަޑައިގެންފައިވާ ކަމަށާއި މައިބަދައިގެ އުނދަގޫ ދިގުދެމިގެން ގޮސްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޖަލުގެ ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަމުން އަމާލް ވިދާޅުވެފައި ވަނީ ނަޝީދުގެ ކުށަކީ ހަމައެކަނި ސަރުކާރު ޖެހިލުންވާ ފަދަ ލީޑަރަކަށް ވުން އެކަނި ކަމަށެވެ.

"ނަޝީދުގެ ހަމައެކަނި ކުށަކީ އޭނާ އަކީ ދިވެހި ސަރުކާރަށް ހުރި ނުރައްކަލަކަށްވުން. ސަރުކާރުން ބޭނުމެއް ނުވޭ 2018 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގައި ނަޝީދު ވާދަކުރައްވާ މަންޒަރު ބަލާކަށް. ސަބަބަކީ އެމީހުންނަށް ވެސް އެނގެނީކަން ނޭނގެ އިންތިހާބު ކާމިޔާބުކުރައްވާނީ ނަޝީދުކަން،" ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރަށް ވެސް އަލި އަޅުއްވައި ވާހަކަ ދެއްކެވި އަމާލް ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނުރައްކާ ބޮޑު ކަމަށާއި އެ ފިކުރާ ދެކޮޅަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމުގެ މައްޗަށް ނަޝީދު ވެސް އަލިއެޅުއްވި އެވެ.