އިޒްރޭލް

ނަތަންޔާހޫގެ ޝަރުއީ އިސްލާހުތަކާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް

Feb 8, 2023

އިޒްރޭލުގެ އަދުލުއިންސާފް ދާއިރާއަށް ބޮޑުވަޒީރު ނަތަންޔާހޫ ހުށަހަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް އިޒްރޭލުގައި ވަރުގަދައަށް މުޒާހަރާ ކުރަމުންދާތާ މިއަދަށް ހަތް ދުވަސް ވެއްޖެ އެވެ.

އިޒްރޭލުގެ ތެލްއަވީވްގެ މަގުތަކަށް އެތައް ހާސް މީހުން ނިކުމެ މުޒާހަރާ ކުރަމުންދަނީ ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުން އަދުލު އިންސާފުގެ ދާއިރާއަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކާ ގުޅިގެންނެވެ.

އިޒްރޭލުގެ ރައްޔިތުން ދެކެނީ މި އިސްލާހުތަކަކީ ސަރުކާރުން ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއްގެ ގޮތުގަ އެވެ.

ބޯ ވިއްސާރަތެރޭގައިވެސް ތެލްއަވީވުގައި ރައްޔިތުން ނިކުމެ މުޒާހަރާ ކޮށްފައިވަނީ އިޒްރޭލުގެ ނޫކުލައާއި ހުދުކުލައިގެ ދިދަތަކާއެކު، ނަތަންޔާހޫގެ ޖަސްޓިސް މިނިސްޓަރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

"އަހަރެން މިރޭ މިތާ މިހިރީ އިޒްރޭލު ޑިމޮކްރަސީއަކުން ހުދުމުހުތާރު ނިޒާމަކަށް ބަދަލުވަމުންދާ ދިއުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ނިކުމެ. މިއީ ބޮޑު ލަދެއް. މިހެން ހެދިގެން ނުވާނެ،"،" 48 އަހަރުގެ ސޮފްޓްވެއާ އިންޖިނޭރެއް ކަމުގައިވާ ޑޮވް ލެވެންލިކް ރޮއިޓާސް އަށް ބުނުފެއިވެ އެވެ.

އިޒްރޭލު ސަރުކާރުން ބުނެފައިވަނީ މި އިސްލާހުތަކަކީ ގާނޫނުން ފަނޑިޔާރުންނަށް ދީފައިވާ ބާރުގެ އިތުރަށް ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާތީ އެކަން ހުއްޓުވުމަށް ހުށަހަޅާ އިސްލާހުތަކެއް ކަމަށެވެ.

މި އިސްލާހުތައް ހުށަހެޅުމާއެކު ވަނީ ބޮޑެތި ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފަ އެވެ. މީގެ ތެރޭގައި ވަކީލުންނާއި ވިޔަފާރިވެރިންނާއި އެތަކެއް ގުރޫޕްތަކެއްގެ ފާޑުކިޔުން ހިމެނި އިޒްރޭލު ވަނީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ.

ފާޑު ކިޔާ ފަރާތްތަކުން ބުނެފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެނަމަ އިޒްރޭލުގެ ޑިމޮކްރަސީ ފުނޑިގެންދާނެ ކަމަށެވެ. އެއާއެކު ސިޔާސީ ނުފޫޒު އަދުލުއިންސާފުގެ ދާއިރާގެ މައްޗަށް ފޯރުވައި ފަނޑިޔާރުން އައްޔަންކުރުމުގައި ނަހަމަ ބާރު ބޭނުންކޮށް އަދި ސުޕްރީމް ކޯޓުން ސަރުކާރުގެ ނިންމުންތައް ނުވަތަ ނެއްސަޓް އިން ފާސްކުރާ ގާނޫނުތައް ބަދަލުކޮށްލުމަށް އޮންނަ ބާރު ނެތިގެންދާނެ އެވެ.

"އެމީހުން ބޭނުންވަނީ އިޒްރޭލުގެ އަދުލުއިންސާފުގެ ނިޒާމު އިރާލުމަށް. އިޒްރޭލުގެ ޑިމޮކްރަސީ ވެސް އިރާލުމަށް. އެހަރެމެން މިތާ ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު އަދި ކިތަންމެ މޫސުން ނުބަޔަސް މިތިބީ އިޒްރޭލުގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށް،" 35 އަހަރުގެ ހާދަރް ސެގާލް ރޮއިޓާސް އަށް ބުނެފައިވެއެވެ. މުޅި އިޒްރޭލުގައި، 20 ސިޓީއެއްގައި މި މުޒާހަރާތައް ކުރިއަށްދާ ކަމަށް އިޒްރޭލުގެ މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

"އަހަރެމެންގެ ގައުމު ސަލާމަތް ކުރާނަން. ސަބަބަކީ އަހަރެމެން ބޭނުމެއް ނޫން ޑިމޮކްރެޓިކް ނޫން ގައުމެއްގައި އުޅޭކަށް،" އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ޔައީރު ލަޕިޑް ވިދާޅުވެފައިވެ އެވެ.

އިޒްރޭލުގައި މިހާތަނަށް އެކުލަވާލެވުނު ކަނާތުފިޔައިގެ އެންމެ ހަރުކަށި ސަރުކާރުގެ ބޮޑުވަޒީރު ނަތަންޔާހޫ އަށް ސީދާ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާއިރު އޭނާ ވިދާޅުވެފައިވަނީ މިއީ އިދިކޮޅު ވައަތުފިޔައިގެ މީހުންނަށް މިދިޔަ ނޮވެމްބަރުގައި ބޭއްވުނު އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރެވިގެން ހިންގާ މުޒާހަރާތަކެއް ކަމަށެވެ.