އިޒްރޭލުގައި އެތައްހާސް އާންމުން ދަނީ މިވަގުތު އެގައުމުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.
މިމުޒާހަރާތައް ކުރަމުންދަނީ އިޒްރޭލުގެ އަދުލުއިންސާފުގެ ދާއިރާއަށް ކަނާއަތުފިޔައިގެ ހަރުކަށި ސަރުކާރުން ގެނައުމަށް މަސައްކަތް ކުރަމުންދާ އިސްލާހުތަކާ ގުޅިގެންނެވެ.
އިޒްރޭލުގެ އާންމު ރައްޔިތުން ބުނަމުން ގެންދަނީ މި އިސްލާހުތައް ފާސްވެއްޖެނަމަ އެއިގެ ސަބަބުން އިޒްރޭލުގައި ޑިމޮކްރަސީ ނެތިގެން ދާނެ ކަމަށެވެ.
އަދުލު އިންސާފުގެ ދާއިރާއަށް ގެންނަ އިސްލާހުތަކާ ގުޅިގެން ފަރުމާކޮށްފައިވާ ބިލުގެ ފުރަތަމަ ކިޔުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލހުން ތައްޔާރުވެފައިވާއިރު، އިޒްރޭލުގެ އެކި ކަންކޮޅުތަކުން އާންމު ރައްޔިތުން ޖެރޫސަލަމް އަށް ޖަމާވެ، ފަނޑިޔާރުން އައްޔަންކުރުމަށް ހުށަހަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ މިހާރު ވަނީ ދެހަފްތާ އަށް ވުރެ ގިނަ ދުވަސްވެފަ އެވެ.
އިޒްރޭލުގެ ގިނަ ރައްޔިތުންތަކެއް ބުނަމުންދަނީ މި އިސްލާހުތައް ފާސްކޮށްފިނަމަ ދައުލަތުގެ އެއްބާރުން އަނެއް ބާރު ޒިންމާދާރުކުރުވުމަށް އޮންނަ ހަމަތައް ނެތި ގޮސް ބޮޑުވަޒީރުގެ ބާރު އާދަޔާ ހިލާފަށް ބާރުގަދަވެގެންދާނެ ކަމަށެވެ. އަދި މި އިސްލާހުތައް ގެނައުމުގެ ބޭނުމަކީ ބޮޑުވަޒީރު ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކުން ސަލާމަތްވުމަށް ކޮށާ މަގުތަކެއް ކަމަށްވެސް އާންމު ރައްޔިތުން ދަނީ ބުނަމުންނެވެ.
އިޒްރޭލުގެ އާންމު ރައްޔިތުން ބުނާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުންގެންދަނީ އާދަޔާ ހިލާފް ބާރުތައް ސަރުކާރުގެ މުށުތެރެއަށް ޖަމާކުރުމަށެވެ. މިކަމާ ދެކޮޅަށް މިދިޔަ ޖެނުއަރީ މަހު ކުރީ ކޮޅުން ފެށިގެން އިޒްރޭލުގައި އާންމުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.
އިޒްރޭލުގެ އާންމު ރައްޔިތުންގެ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ވިޔަފާރިވެރިންނާއި އަސްކަރީ ތަޖުރިބާކާރުންނާއި އަދި އެމެރިކާ އިން ވެސް ގެންދަނީ މުޒާހަރާތަކަށް ސީރިއަސްކޮށް ވިސްނުމަށް އިޒުރޭލު ސަރުކާރަށް ގޮވާލަމުންނެވެ. އިޒްރޭލުގެ މުޅި ތާރީހުގައިވެސް އައި އެންމެ ހަރުކަށި ސަރުކާރުން ދަނީ ކުޑަކޮށްވެސް އެ ގޮވުންތަކަށް އިޖާބަ ނުދީ ކުރިއަށެވެ.
"މިއީ ގާނޫނަކަށް ގެންނަ ކުޑަ ކުޑަ ބަދަލެއް ނޫން. މިއީ މުޅި ފަނޑިޔާރުގެއަށް ބަދަލުގެނެސް މުޅި އިޒްރޭލުގެ ކޯޓް ސިސްޓަމްގެ ބާރު ނެތިކޮށްލުމާއި އެކު ސަރުކާރުގެ އަމަލުތައް ޖަވާބުދާރީކުރުވުމަށް ކޯޓު ތަކަށް އޮންނަ ބާރު ނައްތާލުން. މި ސަރުކާރުގައި މުތުލަގު ބާރު އެބައޮތް. އެމީހުންނަށް ބޭނުން ގާނޫނެއް ފާސްކުރެވިދާނެ،" ޑިރެކްޓާ އެޓް ދި އެސޯސިއޭޝަން ފޯ ސިވިލް ރައިޓްސް އިން އިޒްރޭލް، ތަމާރާ ނިއުމަން ވިދާޅުވެފައިވެ އެވެ.
އިޒްރޭލުގެ ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ސަބަބުން އައުލަބިއްޔަތު އޮންނަ ގާނޫނު ހަދާ މަޖިލީހަކުން ފަނޑިޔާރުގޭގެ ބާރުތައް ކޮންޓްރޯލް ކުރުމަށް މަގުފަހިވެގެންދާނެ އެވެ.
އިޒްރޭލުގައި މިވަގުތު ފަނޑިޔާރުން ކަނޑައަޅަނީ ޖަސްޓިސް މިނިސްޓަރުގެ ދަށުން އޮންނަ ޕެނަލް އަކުންނެވެ. މި ޕެނަލްގައި ހިމެނެނީ އިޒްރޭލުގެ ބާ އެސޯސިއޭޝަން ތަމްސީލް ކުރާ ފަނޑިޔާރުންނާއި ގާނޫނު ހަދާ ފަރާތްތަކާއި އަދި ވަކީލުންނެވެ.
އިޒްރޭލު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ދަށުން ބާ އެސޯސިއޭޝަން ތަމްސީލް ކުރާ މެންބަރުން އުވާލުމަށްފަހު އެއިގެ ބަދަލުގައި ޖަސްޓިސް މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރާ އާންމުންގެ ތެރެއިން ހޮވާލެވޭ ދެ މެންބަރަކު ހިމެނުމަށް ނިންމާފައިވެ އެވެ. މީގެ އިތުރުން މިހާރުވެސް ތިބި ފަނޑިޔާރުން ބޭތިއްބުމަށްފަހު އިތުރު ސަރުކާރު މިނިސްޓަރަކު ހިމެނުމަށްވެސް ނިންމާފައިވެ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ މިބިލުގެ ފުރަތަމަ ކިޔުމުގެ ވޯޓް އިއްޔެ ނަގައި މި ބިލުގެ މަސައްކަތް ބާރު ސްޕީޑްގައި ގެންދިއުމަށް ނިންމާފައިވާތީ ސަރުކާރުން އެއްވެސް ރަނގަޅު ނިޔަތެއް މިކަމުގައި ނުގެންގުޅޭކަން ސާފް ކަމަށް މުހައްލިލުން ވިދާޅުވެ އެވެ. ބިލުގެ އިތުރު ދެ ކިޔުމަކާއިއެކު ވޯޓު ނެގުން އަދިވެސް އޮންނާނެތީ މިކަމަށް އަދި މަސްތަކެއް ނަގާނެ އެވެ.
މީގެ އިތުރުންވެސް ބޭސިކް ލޯގެ މައްސަލަތަކުގައި ފަނޑިޔާރުންނަށް ލިބިދީފައިވާ ބާރުތައް ލުހެލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްވެސް ގާނޫނު ހަދާ މަޖިލިހުގެ އެޖެންޑާގައިވެ އެވެ.
މި ހުރިހާ މައްސަލަތަކާއި އެކު އިޒްރޭލުގައި މިހާތަނަށް ދަހިލީ ހަމަނުޖެހުން ދުވަހަކުވެސް ބޮޑު ނުވާހާ މިންވަރަށް ވަނީ އެކަން ބޮޑުވެފަ އެވެ. މިކަމުގެ ސަބަބުން އިޒްރޭލު ރައްޔިތުންގެ މެދުގައި އިޒްރޭލުގެ ދައުލަތީ ޝަހުސުން އަމަލުކުރާ ގޮތާއި އަދި ރައްޔިތުން ދައުލަތް ހިންގުމަށް ގަބޫލުކުރާ ހަމަތަކުގެ ތަފާތު ދަނީ ބޮޑުވަމުންނެވެ.
"މިއީ އިޒްރޭލު ތާރީހުގައިވެސް ހިނގި އެންމެ ބޮޑު ދާހިލީ ހަމަނުޖެހުން،" އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ވިދާޅުވެފައިވެ އެވެ.
އެމެރިކާ އިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވަ އެމްބެސެޑަރު ޓޮމް ނައިޑްސް ވެސް ވިދާޅުވެފައިވަނީ އިޒްރޭލުން ގާނޫނުތަކަށް ގެނައުމަށް ނިންމާފައިވާ ނިންމުންތައް މަޑުޖައްސާލަން ޖެހޭ ކަމަށާއި އިޒްރޭލުގެ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ އިޒްރޭލުގެ ޑިމޮކްރެޓިކް އަސާސްތައް ހިމާޔަތްކުރެވޭ އިސްލާހުތަކަކަށް އިސްލާހުތައް ވާންޖެހޭ ކަމަށެވެ. މިކަމާ ހިތްހަމަނުޖެހިގެން ބޮޑުވަޒީރު ނަތަންޔާހޫގެ ފަޅިން އެމްބެސެޑަރު ނައިޑްސް އިޒްރޭލުގެ ދާހިލީ ކަންކަމާ ނުބެހުމަށްވެސް ވަނީ ގޮވާލައްވާފަ އެވެ.
އިޒްރޭލުގެ ސަރުކާރުން ޑިމޮކްރަސީއަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނަމުން ދިޔަ ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ ހުޅަނގުއައްސޭރީގައި ހިފާފައިވާ ބިންތަކާއި ފަލަސްތީނުގެ ބައިމަދު ރައްޔިތުންނާ މެދު އަމަލުކުރާ ގޮތުން އިޒްރޭލުގެ ޑިމޮކްރަސީގެ ނަން ހަރާބުވެފައިވާ ކަމަށެވެ.
ގާނޫނުތަކަށް ގެނެވޭ މި އިސްލާހުތަކުން އިޒްރޭލުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅު މީހުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެގެންދާނެ އެެވެ. އަދި އެމީހުންނަށް އިޒްރޭލުގައި ކުރެވޭ ތަފާތުތަކާއި އަދި އެމީހުންގެ އަހުންގެ މައްޗަށް ހިފާފައިވާ ހުޅަނގުއައްސޭރީގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގަމުން އަންނަ 55 އަހަރަށްވުރެ ގިނަ ދުވެސްވެފައިވާ ވެރިކަމާ ހެދި އެމީހުން ވަނީ މި މުޒާހަރާތައް ފެށުމުގައި އިސްރޯލެއް ކުޅެފަ އެވެ. މީގެ އިތުރުން ކަނާއަތުފިޔައިގެ ހަރުކަށި ސަރުކާރާ ދެކޮޅަށް އެތައްހާސް މިނިވަން ފިކުރުގެ މީހުން ވެސް ދަނީ ބައިވެރިވަމުންނެވެ.
ހުޅަނގުއައްސޭރީގައި ޔަހޫދީ އާބާދުވެރިންނަށް އިޒްރޭލުގެ އިންތިހާބުތަކުގައި ވޯޓްލައި ގާނޫނީ ހިމާޔަތް ދެމުންދާއިރު ހަމަ އެތަނުގައި ދިރިއުޅޭ ފަލަސްތީން ދަރިކޮޅު މީހުންނަށް ވޯޓް ނުލެވޭއިރު އެމީހުންގެ މައްޗަށް ވެރިކަން ހިންގަނީ އިޒްރޭލުގެ އަސްކަރިއްޔާއިންނެވެ.