އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

"ޣައްޒާ ހަމަލާތައް ހުއްޓާލުމެއް ނެތް، ވޯޓު ދިނުމެއް ވެސް ނެތް"

އެމެރިކާގެ މުސްލިމް ޖަމާއަތުން އެ ގައުމުގެ ރައީސް ޖޯ ބައިޑަންއަށް އިންޒާރީ މެސެޖެއް ދީފި އެވެ.

އެ މީހުން ބުނާ ގޮތުން ޣައްޒާއަށް ޔަހޫދީން ދެމުންދާ ހަމަލާތައް ހުއްޓުވުމުގައި އެމެރިކާއަށް ދަރުރެއް ނެތްނަމަ، އަންނަ އަހަރު ބައިޑަންއަށް ވޯޓު ދިނުމަކީ އެ މީހުންނަށް ވެސް އޮތް ކަމެއް ނޫނެވެ.

އެމެރިކާގެ ރައީސަށް އޮންނަ ހައިސިއްޔަތު ބޭނުންކުރައްވައި އަންނަ އަންގާރަ ދުވަހުގެ ކުރިން ޣައްޒާ ހަނގުރާމަ ނުހުއްޓުވައިފިނަމަ، އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމެރިކާގެ މުސްލިމުން ބައިޑަން ނޫން ގޮތެއް އިހްތިޔާރުކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނެޝަނަލް މުސްލިމް ޑިމޮކްރެޓިކް ކައުންސިލަކީ ރިޔާސީ އިންތިހާބަށް މުހިންމު ޖަމާއަތެކެވެ. މި ޖަމާއަތުން ނިންމާ ގޮތަކަށް އެމެރިކާގެ ބައެއް ސިޓީތައް ވަކި ކެންޑިޑޭޓަކަށް ގެއްލުމަކީ ވެސް އޮތް ބިރެކެވެ.

އެމެރިކާގެ އަރަބި ބުސްލިމުން މިހާރު ނިންމާފައި އޮތީ ޣައްޒާގައި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ތާއީދުކުރާ އެއްވެސް ކެންޑިޑޭޓަކަށް ބައިއަތު ނުހިފުމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓުންގެ ތެރޭގައި ޔަހޫދީ އާބާދީތައް ފުޅާކުރަން ވަކާލާތުކުރާ އެއްވެސް ކެންޑިޓޭޓަކު ސްޕޮންސާ ނުކުރުމަށްވެސް އޮތީ ނިންމާފަ އެވެ.

މުސްލި ޖަމާއަތްތަކުގެ މި ނިންމުމަކީ ބައިޑަންއަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ.

މުސްލިމުންނާ އެކު ގުޅުން ރަނގަޅުކުރުމަށް ހާއްސަ ބައްބަދުވުމެއް ބޭއްވުމަށް ބައިޑަން ހަމަޖައްސަފާފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ޔަހޫދީންނަށް ހިތްވަރުދީ ޣައްޒާ ހަނގުރާމަ ދިގު ދެންމުމުގައި އެމެރިކާގެ ދައުރެއް އޮތް ކަމަށް މުސްލިމް ލީޑަރުން ބުނެ އެވެ. އަރަބި މުސްލިމުން ރުޅިއަރުވައި ހިތުގައި ޖެއްސުމަށް ނޫން ގޮތަކަށް އެމެރިކާ މެދުއިރުމައްޗަށް ގޮސް ޔަހޫދީންނަށް ވާގިވެރިވުމުގެ ބޭނުމެއް ނެތް ކަމަށްވެސް މުސްލިމުން ގަބޫލުކުރެ އެވެ.

މުސްލިމުންގެ އެއްބާރުލުން ބައިޑަންއަށް ކިތަންމެ މުހިއްމު ނަމަވެސް، ޣައްޒާ ހަނގުރާމާގައި ބައިޑަންގެ އަމަލުތައް ހުންނަ ގޮތަކުން -- ބައިޑަން ދޫކޮށްލަން ޖެހުމަކީ އެމެރިކާގެ މުސްލިމުންނަށް ކުރަން ޖެހިދާނެ ކަމެއް ކަމަށް މުސްލިމުންގެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

މިކަމާ ބެހޭ ގޮތުން ވައިޓް ހައުސްގެ ތަރުޖަމާން ވިދާޅުވީ މުސްލިމުންގެ ކަންބޮޑުވުންތަކާ މެދު ބައިޑަން ވިސްނާ ވަޑައިގަންނަވާނެ ކަމަށެވެ.