އެމްޑީޕީ

ވިޕްލައިނާ ހިލާފުވުމުން އާޒިމަށް ނަސޭހަތް ދީފި

Feb 6, 2023

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ތްރީލައިން ވިޕާއި ހިލާފުވުމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް އެޕާޓީން ނަސޭހަތްތެރިވެއްޖެ އެވެ.

އަލީ އާޒިމަށް ޕާޓީން ނަސޭހަތްތެރިވީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމުގެ ވޯޓުގައި ޕާލިމެންޓަރީ ގްރޫޕްގެ ވިޕާއި ހިލާފުވުމުންނެވެ.

އާޒިމަށް ނަސޭހަތްތެރިވެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއިކުރައްވާފައިވާ ސިޓީގައިވާ ތާރީހަކީ ނޮވެމްބަރު 16، 2022 އެވެ. ނަމަވެސް އާޒިމް ވިދާޅުވި ގޮތުގައި ސިޓީ ލިބިވަޑައިގަތީ އިއްޔެ އެވެ.

ތްރީލައިން ވިޕެއް ކަނޑައަޅައިފިނަމަ ޕާލަމެންޓަރީ ގްރޫޕްގެ ކޮންމެ މެންބަރެއް މަޖިލީހަށް ހާޒިރުވުމަށާއި ކަނޑައެޅިފައިވާ ވިޕްލައިނާ އެއްގޮތަށް ވޯޓު ދިނުން ޕާލިމެންޓަރީ ގްރޫޕްގެ ހިންގާ ގަވާއިދުން ލާޒިމުކުރާ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"ލީޑަޝިޕްއަށް ގަބޫލު ކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަށް އެދުމަކައިނުލައި ތްރީ ލައިންވިޕަށް އަމަލު ކުރުމަށް މަޖިލީހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރި ނުވުމަކީ" ކުށެއް ކަމަށް ވަނީ ބުނެފަ އެވެ.

ވިޕްލައިން އާއި ހިލާފުނުވުމަށާއި ޕާލިމެންޓަރީ ގްރޫޕުން ނެރޭ ވިޕް ލައިންއާއި އެއްގޮތަށް ވޯޓު ދިނުމަށް ޕާލިމެންޓަރީ ގްރޫޕްގެ ހިންގާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން އާޒިމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރުމާ ދެކޮޅަށް އެމްޑީޕީގެ 14 މެންބަރުން ވޯޓު ދެއްވި އެވެ.