ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެމްޑީޕީގެ ދަފްތަރުން އާޒިމުގެ ނަން އުނިކުރުމަށް އެ ޕާޓީން ހުށަހެޅުމާ ގުޅިގެން އިއްޔެގެ ވަގުތެއްގައި އާޒިމުގެ ނަން އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް ކޮމިޝަނުން ޔަގީންކޮށްދެ އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދާއި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުންތަކާ ހިލާފަށް ތަކުރާރުކޮށް އާޒިމު އަމަލުކުރައްވާފައިވާތީ އޭނާގެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާ ކޮމިޓީން މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް ވަނީ އާޒިމް ޕާޓީން ވަކިވެފައިވާ ކަމަށް އަންގާފަ އެވެ.
އާޒިމް އެމްޑީޕީން ވަކިކޮށްފައިވާތީ ދެން އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވޭނީ އެއް އަހަރު ފަހުންނެވެ. އަދި އެމްޑީޕީ ބައިވެރިވާ އެއްވެސް އިންތިހާބެއްގައި އާޒިމު ބައިވެރިވާން ބޭނުންވި ނަމަވެސް ކުރިއަށް އޮތް ފަސް އަހަރަށް އޭނާއަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައެއް ނުގަންނަވާނެ އެވެ.
އާޒިމް އެމްޑީޕީން ވަކިވެފައިވާ އެ ޕާޓީންނާއި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވީ ނަމަވެސް އެ ނިންމުން ބަލައިގަތުމަށް އާޒިމު ވަނީ ދެކޮޅު ހައްދަވާފަ އެެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނަށް ފިޔަވަޅު އަޅަނީ ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާ ހިލާފަށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީން އެ ތުހުމަތު ދޮގުކުރެ އެވެ.