އެމްޑީޕީ

އިންތިހާބުގައި ވާދަކުރަން އެމްޑީޕީ ކެންޑިޑޭޓުން ފޯމު ހުށަހަޅައިފި

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން މިއަދު ފޯމު ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން ފޯމު ހުށަހެޅީ އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނާއި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން އެކުގައި ދަރުބާރުގެއަށް ގޮސްގެންނެވެ.

ދަރުބާރުގޭގައި ހަދާފައިވާ އިންތިހާބުގެ މައި މަރުކަޒުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާއިރު އެމްޑީޕީން ހުރިހާ ދާއިރާއަކަށްވެސް ވާދަކުރެ އެވެ.

އެމްޑީޕީން ޕްރައިމަރީ ބޭއްވުމަށްފަހު ކާމިޔާބު ހޯދި ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރި ފަހުން އެ ޕާޓީން ވަނީ ކާށިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ޓިކެޓް އަތުލާފަ އެވެ. އޭނާގެ އަތުން ޓިކެޓް އަތުލީ އެމްޑީޕީގެ ކެންޑިޑޭޓަކަށްވެ ހުރެ މުޖުތަމައުގެ އާއްމު މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރުމުންނެވެ.

ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި މިހާރު ވާދަކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގައި އަންޑަ ސެކްރެޓަރީއެއް ގޮތުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު އަބްދުﷲ ނަސީރު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އެވެ. މިމުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައި ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ގާނޫނު ފަސްކޮށްފަ އެވެ. މިއިސްލާހަށް އަމަލުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިބިލް ތަސްދީގުކުރެއްވުމުންނެވެ.