ލައިފްސްޓައިލް

ވޭޕިންގެ ސަބަބުން އެތައް މިލިއަން ޒުވާނެއްގެ ފުއްޕާމޭ ހަލާކުވެފައި!

ސިނގިރޭޓް ބުއިމެކޭ އެއްވަރަށް ވޭޕިންގެ ސަބަބުން ވެސް ފުއްޕާމޭ ހަލާކުވާކަމަށް ސައިންސްވެރިން ކޮށްފައިވާ އެތަކެއް ދިރާސާތަކުން ހާމަވެފައި ވެއެވެ. ނަމަވެސް ޒުވާނުންގެ މެދުގައި ވޭޕިންގެ އާދަ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތަން ފެނެ އެވެ. ވޭޕިންގެ ނުރައްކަލާ މެދު އެ ބޭނުންކުރާ ޒުވާނުން އެއްގޮތަކަށް ވެސް ނުވިސްނަ އެވެ.

އެމެރިކާގެ ޑެލަވެއާގެ ފިހާރައެއްގައި ކޭޝިއަރެއްގެ ވަޒީފާ އަދާކުރާ އެމްއެސް ސްޓެލްޒާ އަކީ ވެސް ވޭޕިން އަށް ދެވި ހިފާފައި ހުރި ޒުވާން އަންހެނެކެވެ. މިއަދު އޭނާއަކީ ފުއްޕާމޭ ހަލާކުވުމުގެ ސަބަބުން މަރާ ހަނގުރާމަކުރަމުންދާ މީހެކެވެ.

"އަހަރެންނަށް މިހާރު އަބަދު ރޮވެނީ. އަހަރެން މި އުޅެނީ ވަރަށް ވޭނުގައި. ލައިފް ސަޕޯޓްގައި ވެސް އަހަރެން އަށް ދުވަހު އޮތިން،" ސްޓެލްޒާ ބުންޏެވެ.

ސްޓެލްޒާ އަށް ފަރުވާ ދޭ ޑޮކްޓަރުން އޭނާގެ އާއިލާގެ މީހުން ކައިރީ ބުނެފައިވަނީ ލައިފް ސަޕޯޓްގެ އެހީގައި ތިން މަހެއްހާ ދުވަހު ވެސް އޭނާ ބާއްވަން ޖެހިދާނެ ކަމަށެވެ.

އެންމެ ކުރިން ސްޓެލްޒާ ބަލިވެގެން ހޮސްޕިޓަލަށް ގެނައުމުން ޑޮކްޓަރުންނަކަށް އޭނާއަށް ވެގެން އުޅޭ ގޮތެއް ނޭނގުނެވެ. ވަރަށް ގިނަ ޓެސްޓްތައް ހަދައިގެން ވެސް އޭނާގެ ބަލި ދެނެ ނުގަނެވިގެން އުޅުނެވެ. މިހެން އުޅެނިކޮށް އެއް ދުވަހަކު ސްޓެލްޒާގެ މަންމަ ނަރުހެއް ކައިރީގައި އޭނާގެ ދަރިފުޅަކީ ވޭޕިން އަށް ދެވި ހިފާފައިވާ މީހެއް ކަމަށާއި މިއީ އޭގެ ސަބަބުން ދިމާވެގެން އުޅޭ ކަމަކަށް ވެދާނެތޯ ސުވާލު ކުރި އެވެ.

ނަރުހުން މި ވާހަކަ ޑޮކްޓަރުން ކައިރީ ބުނުމުން ވަގުތުން ސްޓެލްޒާގެ މޭގެ އެކްސްރޭ ނެގި އެވެ. އެކްސްރޭ އިން ފެނުނު ގޮތުގައި ވޭޕިންގެ ސަބަބުން މި ޒުވާނާގެ ފުއްޕާމޭ ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ވޭޕިންގެ ސަބަބުން ފުއްޕާމޭ ހަލާކުވުމަށް ކިޔަނީ "ވެޓް ލަންގް" އެވެ. މިހެން ދިމާވަނީ ވޭޕް ކުރުމުން ފުއްޕާމޭގައި ހުންނަ އިލާސްޓިކް އެއާ ސެކްތަކުގައި ފެން ޖަމާ ވާން ފެށުމުންނެވެ. މި ފެން ތަކާ ހެދި ފުއްޕާމެޔަށް ބޭނުންވާ ވައި އެކަށީގެންވާ ވަރަށް ނުލިބެ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ބައިތަކަށް އޮކްސިޖަން ފޯރުކޮށްދޭން ޖެހޭ މިންވަރަށް ފޯރުކޮށެއް ނުދެވެ އެވެ. އަދި އެތެރެހަށީގައިވާ މުހިއްމު ގުނަވަންތައް ރަނގަޅަށް ފަންކްޝަން ކުރަން ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބެ އެވެ. އޭގެ ސަބަބުން އޯގަން ފެއިލްވެ ބައެއް މީހުން މަރުވެފައި ވެސް އެބަހުއްޓެވެ.

މި ޒުވާނާއަށް ދެ ހަފުތާ ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގެއަށް ދިއުމުގެ ފުރުސަތު ލިބިފައި ވެއެވެ. ނަމަވެސް މިކަމުގެ ސަބަބުން އޭނާ ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއެއް ހުސްވެ ދަރަނިވެރި ވެފައި ވެއެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން އިންޒާރު ދީފައިވާ ގޮތުގައި އެ ގައުމުގެ ޒުވާނުންގެ މެދުގައި ވޭޕް ކުރުމުގެ އާދަ ބިރުގަންނަ ވަރަށް އިތުރުވެފައި ވެއެވެ. މިދިޔަ އަހަރު އެކަނިވެސް އެމެރިކާގެ ޓީންއޭޖް ކުދިންގެ ތެރެއިން 2.6 މިލިއަން ކުދިން ވޭޕް ކުރަން ވަނީ ފަށާފަ އެވެ. އަދި އަށް މިލިއަނަށް ވުރެ ގިނަ ބޮޑެތި މީހުން ވެސް ވޭޕިން ޑިވައިސް ބޭނުންކުރާ ކަމަށް އެ އޮތޯރިޓީގެ ރެކޯޑްތަކުން ދައްކަ އެވެ.