ހަބަރު

މިއަދު ތިނަދޫގެ ބެންކަށާއި ސްކޫލްތަކަށް ކަރަންޓު ދޭނަން: ފެނަކަ

ގދ. ތިނަދޫ އާންމު ހާލަތަކަށް ބަދަލުކުރުމަށް ބެންކަށާއި ސްކޫލްތަކަށް މިއަދު ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ މުހައްމަދު ނިމާލު ވިދާޅުވެއްޖެ އެވެ. އިއްެޔެ ރޭ ތިނަދޫ އިންޖީނު ގޭގައި ރޯވުމުގެ ސަބަބުން ރަށުން އެއްކޮށް ވަނީ ކަރަންޓު ކެނޑިފައެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިމާލު ވިދާޅުވީ، ތިނަދޫ އާންމު ހާލަތަކަށް ވަރަށް އަވަހަށް އަންނާނެ ކަމަށާއި އެކަމަށް ފެނަކައިން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު ބޭންކަށް ކަރަންޓު ދިނުމަށް މަސައްކަތްތައް ފަށާފައިވާނެ ކަމަށް ނިމާލު ވިދާޅުވިއެވެ. އެ މަސައްކަތް މިއަދު ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބޭންކްގެ އިތުރުން ތިނަދޫގެ ތިން ސްކޫލަށް ވެސް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށް ނިމާލު ވިދާޅުވި އެވެ. ސްކޫލްތައް މާދަމާ ހުޅުވޭވަރު ވާނެ ކަމަށާއި މިއަދު އިރިއޮއްސޭއިރަށް ސްކޫލުތަކަށް ކަރަންޓު ފޯރުކޮށްދީ ނިމޭނެ ކަމަށް ވިދާޅުވިއެވެ.

ތިނަދޫއަށް މިހާރު ވަނީ ލ. ގާދޫ އިންޖީނު ގޭގައި ހުރި ޖަނަރޭޓަރު ވެސް ގެންގޮސްފަ އެވެ. އަދި އެ ޖަނަރޭޓަރުގެ އެހީގައި ފެން އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ގއ. ވިލިގިލިންނާއި މާމެންދޫއިން ވެސް ޖަނަރޭޓަރު ގެންގޮސް ހޮސްޕިޓަލަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މީގެއިތުރުން ދިރާގުން ވެސް ވަނީ ތިނަދޫއަށް ޖަނަރޭޓަރެއް ހަދިޔާކޮށްފައެވެ. އަދި ތިނަދޫ އުރީދޫ ސައިޓް އޮފީހުގައި ހުރި ބެކަޕް ޖަނަރޭޓަރުން ހޮސްޕިޓަލަށް ކަރަންޓު ދަނީ ފޯރުކޮށްދެމުންނެވެ.

މާލޭ ސްޓެލްކޯގައި ހުރި އެއް މެގަވޯޓްގެ ޖަނަރޭޓަރެއް ތިނަދޫއަށް ގެންދިއުމަށް ވެސް ވަނީ މަސައްކަތް ފަށާފަ އެވެ. އެ ޖަނަރޭޓަރު މާދަމާ ތިނަދޫއަށް ގެންދެވޭނެ ކަމަށް ނިމާލު ވިދާޅުވި އެވެ. އެ ޖަނަރޭޓަރު މިއަދު ތިނަދޫއަށް ގެންދިއުމަށް ހަމަޖެހިފައިވީ ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެކަމަށް ވަނީ ހުރަސް އެޅިފައެވެ.

ނިމާލު ވިދާޅުވީ، ތިނަދޫގެ ގޭބިސީތަކަށް ވަގުތީ ކަރަންޓެއް އަންނަ ހުކުރު ދުވަހުގެ ނިޔަަލަށް ފޯރުކޮށްދެވޭވަރުވާނެ ކަމަށެވެ.