ރާއްޖޭގައި ނަފުސާނީ ބަލިތަކަށް ވަށާ ޖެހޭ ފަރުވާއެއް ނުދެވޭ ކަމަށް ބުނެ އެ ބަލިތަކަށް ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި މެންބަރުން ވަނީ މި ގަރާރަށް ބަހުސްކޮށްފަ އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ހެޔޮ އަގުގައި ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ގާނޫނީ ގޮތުން ސަރުކާރުން އަދާކުރަންޖެހޭ ޒިންމާވެސް ފުރިހަމައަށް އަދާ ނުކުރާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ނަފްސާނީ ބަލިތަކަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭނެ ކަމަށް 2019 ވަނަ އަހަރު ނެރުނު ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ބުނި ނަމަވެސް އެ އަހަރު ސެންޓަ ފޯ މެންޓަލް ހެލްތު ހުޅުވުން ނޫން ކަމެއް ނުކުރާ ކަމަށް ރިޔާޒް ތުހުމަތު ކުރެއްވި އެވެ.
ރާއްޖޭގައި އަދިވެސް ވަށާޖެހޭ ގޮތަކަށް ނަފްސާނީ ބަލިތަކަށް ފަރުވާ ނުދެވޭކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އިއްވެވި ރިޔާސީ ބަޔާނުންވެސް ފާހަގަވާ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
"އެމަނިކުފާނު ވިދާޅުވީ އަދިވެސް ކިއުގައި ސިއްހީ ފަރުހާ ހޯދުމަށް 411 މީހުން އިއްޔެ އާ ހަމައަށް ތިބި ވާހަކަ. މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ. އެކަމަށް ވަކި ސެންޓަރެއް ހެދި ނަމަވެސް އަދިވެސް ކިއުގައި ފަރުވާ ލިބޭނެ ދުވަހެއް ނޭނގޭ ހާލުގައި 411 މީހުން އެބަތިބި،" ރިޔާޒުގެ ގަރާރުގައިވެ އެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ސެންޓަ ފޯ މެންޓަލް ހެލްތުން އެކަނިވެސް 60،000 އަށް ވުރެ ގިނަ ކޮންސަލްޓޭޝަންސް ހެދި ކަމަށް ރައީސް ސޯލިހް ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އެކަމާ ގުޅުވައިގެން ރިޔާޒު ވިދާޅުވީ އެތަނުން ހިދުމަތް ހޯދި މީހުންގެ އަދަދު ބަޔާން ނުކުރައްވާ ކޮންސަލްޓޭޝަންސް ހެދި އަދަދު ހާމަކުރުމުން އިނގެނީ އެތަނުން ހިދުމަތް ލިބުނު މީހުންގެ އަދަދު މަދުކަން ކަމަށެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާ އެތަށް ބަޔަކު ތިބިއިރު ހިދުމަތް ލިބޭނެ ގޮތްތައް މަދުވުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ރިޔާޒު ވިދާޅުވި އެވެ. އަދި ރާއްޖޭގައި އިޖްތިމާއީ މައްސަލަތައް ގިނަވެގެން ދާއިރު ސުއިސައިޑް ވޮޗް އެއް ތައާރަފް ކުރަން ޖެހޭ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
"މިއީ ޒުވާނުންނަށް ކޮންމެހެންވެސް ބޭނުންވާ ކަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީއިން ދެކެން،" ރިޔާޒުގެ ވިދާޅުވި އެވެ.